ކުޅިވަރު

ދިވެހި ޓީމު ޝިލޮންގަށް ހިނގައްޖެ


އިންޑިއާއާއެކު ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށް ރާއްޖޭގެ ގައުމީ ޓީމު ޝިލޮންގަށް ހިނގައްޖެއެވެ.
އިންޑިޔާގެ އިރު އުތުރުގައިވާ ޝިލޮންގްގެ ޖަވާހިރްލާލް ނެހުރޫ ސްޓޭޑިއަމުގައި ކުޅޭ މެޗަށް އިންޑިޔާގެ ގައުމީ ޓީމު ވެސް މިހާރު ވަނީ ޝިލޮންގަށް ގޮސްފަ އެވެ.

އަންގާރަ ދުވަހު ކުޅޭ މި މެޗަށް ރާއްޖޭގެ ޓީމަށް ޝިލޮންގަށް ދެވުނީ އިއްޔެގެ ވަގުތެއްގަ އެވެ. ރާއްޖޭގެ ޓީމަށް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ޝިލޮންގް ނިސްބަތްވަ މަގަލާޔާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސާއި އެ ސިޓީގެ އިސްވެރިންނެވެ.

މިއީ ފީފާ މިންގަނޑަށް ފެތިގެން ޝިލޮންގްގައި ކުޅޭ ފުރަތަމަ މެޗެވެ. މިހެންވެ މި މެޗަށް މަގަޔާލާ ފުޓްބޯޅަ އެސޯސިއޭޝަނުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ރާއްޖެ މެޗަށް ފަހު މި ދަނޑުގައި އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިޔާ އާއި ބަނގްލަދޭޝް ވެސް ވާދަކުރާނެ އެވެ.
ރާއްޖޭގެ ޓީމު ތިބެނީ ޝިލޮންގެ ކިންލައިލަޑްގެ ވިވަންޑާ ހޮޓަލުގަ އެވެ. ދިވެހި ޓީމަށް ރަސްމީކޮށް މަރުހަބާ ކިއުން އޮތީ ވެސް މި ހޮޓަލުގައެވެ.

މި މެޗުގެ ކުރިން ވާހަކަ ދައްކަމުން އިންޑިޔާގެ ތަޖުރިބާކާރު ޑިފެންޑަރު އުމުރުން 31 އަހަރުގެ ސަންޑޭޝް ޖިންގަން ބުނީ ރާއްޖޭގެ އިތުރުން އޭޝިއަން ކަޕް ކޮލިފައިންގައި ބަނގްލަދޭޝް ވެސް ބަލިކުރަން ބޭނުންވަނީ ގޯލެއް ވަނަނުދީ ކަމަށެވެ.

"އަހަރުމެންގެ މައިގަނޑު އަމާޒަކީ ބަނގްލަދޭޝް މެޗު ކާމިޔާބު ކުރުން. އެއީ އޭޝިއަން ކަޕް ކޮލިފައިންގެ ފެށުން ރަނގަޅު ކުރުމަށްޓަކައި. އަހަރެންނަށް ހީވަނީ އަހަރުމެން ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތަމްރީނަކީ ރާއްޖެ އާއި ބަނގްލަދޭޝް ބަލިކުރަން ވެސް އެހީތެރިވެދޭނެ ކަމެއްހެން. އަމާޒަކީ މި ދެ މެޗުގައި ވެސް ގޯލެއް ވަނަ ނުދީ މޮޅުވުން. ރާއްޖެ މެޗަކީ ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ތައްޔާރުވާން ލިބޭ ވަރަށް ބޯޑު އެހީއަކަށްވާނެ،" އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ރަސްމީ އިންޓަވިއުއެއްގައި ޖިންގަން ބުންޏެވެ.

މި މެޗަކީ އިންޑިޔާގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ކުރީގެ ކެޕްޓަން ސުނިލް ޗެތްރީ ރިޓަޔާމަންޓް އުވާލައި އަލުން ކުޅެން ނުކުންނަ ފުރަތަމަ މެޗެވެ. ސާކް ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ އުމުރުން 40 އަހަރުގައި އަލުން ކުޅެން ނުކުތީ ކުލަބު ލެވެލްގައި އޭނާ ދައްކާ ކުޅުން ރަނގަޅުވުމުން އިންޑިޔާ ކޯޗާއި ފެޑަރޭޝަނުގެ އެދުމުގެ މަތީންނެވެ.

އިންޑިޔާ މެޗަށް ފަހު ރާއްޖެ ވާދަކުރާނީ މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ އެވެ. މި މެޗު ކުޅޭނީ ފިލިޕީންސްގަ އެވެ. މި މެޗަށް ރާއްޖެ ދަތުރު ކުރާނީ ޝިލޮންގުން އެނބުރި ރާއްޖެ އައުމަށްފަހު އެވެ. ރާއްޖެ ކުރިން މަސައްކަތް ކުރީ އިންޑިޔާއިން ސީދާ ފިލިޕީންސަށް ދިއުމަށެވެ. ޝިލޮންގެ ދަތުރު ފަތުރުގެ ކަންކަން ދަތިކަމުން ފިލިޕީންސަށް ދިއުން ފަސޭހަ ކުރުމަށް އިންޑިޔާގެ އެހެން ސިޓީއެއްގައި މެޗު ކުޅެން ވެސް ރާއްޖެ ހުށަހެޅި އެވެ. ނަމަވެސް އިންޑިޔާއިން ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހެނީ ޝިލޮންގައި ކަމަށްވުމުން އެ ގައުމުން ޝެޑިއުލް ބަދަލު ކުރަން ބޭނުންނުވީ އެވެ.