އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕުގެ ޗެމްޕިއަންކަން ނިއުކާސަލް ޔުނައިޓެޑުން ހޯދައި، 70 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ މުބާރާތެއް ކާމިޔާބުކޮށްފިއެވެ.
ނިއުކާސަލް އިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި އަށްޑިހަ އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މިމެޗު ކާމިޔާބުކޮށް ނިއުކާސަލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު އެ ޓީމަށް އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ 1979 ވަނަ އަހަރު އެވެ.
ނިއުކާސަލްގެ ޑޭން ބާރން ވަނީ މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ކޯނަރަކުން ބާރން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. އުމުރުން 32 އަހަރު ޑިފެންޑަރު މި ލަނޑު ޖެހިއިރު މި ހަފްތާގައި އިނގިރޭސިވިލާތުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އޭނާ އިނގިރޭސި ގައުމީ ޓީމަށް ނަގާފަ އެވެ. އެހެންކަމުން މިއީ ބާރންއަށް ހަނދާނުން ފޮހެލަން އުނދަގޫ ހަފްތާއެކެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި މުބާރާތް ނިއުކާސަލް އަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެޑެރީކޯ ކިއޭސާ އެވެ.
ނިއުކާސަލް އިން މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުތަކުގައި އެ ޓީމު ވަނީ ހަތް ފަހަރު ބަލިވެފަ އެވެ.
މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން އައި ލިވަޕޫލް ފައިނަލް މެޗުން ބަލިވެފައިވާއިރު މިދިޔަ ހަފްތާގައި އެ ޓީމު ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުން ކަޓާފަ އެވެ.