ޚަބަރު

އެޓަލާންޓާ ބަލިކޮށް އިންޓަރ މިލާނުން ފަރަގު ބޮޑުކޮށްފި


އިޓާލިއަން ލީގުގައި ރޭ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތަވާލުގެ ކުރީގައި ތިން ޕޮއިންޓުގެ ފަރަގެއް އިންޓަރ މިލާނުން ހޯދައިފިއެވެ.

މި މެޗުން އިންޓަރ މިލާން މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން 64 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. އެޓްލާންޓާ އަށް 58 ޕޮއިންޓާއެކު ތިންވަނަ މަގާމް ލިބިފައިވާއިރު ދެވަނައިގައި އޮތް ނަޕޮލީއަށް ލިބިފައިވަނީ 61 ޕޮއިންޓެވެ.

ދެވަނައިގައި އޮތް ނަޕޮލީ ރޭ ވެނޭޒިއާ އާއި ދެކޮޅަށް ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެން ނިމިފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އިންޓަރ މިލާނަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ދެވަނަ ޙާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކާލޯސް އޮގަސްޓޯ އެވެ. މި ލަނޑަކީ ހަކާން ޗަޅަނޮގްލޫ ނަގައިދިން ކޯނަރަކުން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ލައުޓާރޯ މާޓިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގެ 81 ވަނަ މިނިޓުގައި އެޓްލާންޓާގެ އެޑަސަން އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އިންޓަރ މިލާނުގެ ބަސްޓޯނީއަށް ވެސް ދެވަނަ ރީނދޫ ކާޑަކާއެކު ވަނީ ރަތް ކާޑު ދައްކާފަ އެވެ.