އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އިންޑިއާއާ ދެކޮޅަށް ކުޅެން ފުރުސަތު ލިބުމަކީ ލިބިގެންދާ ބޮޑު ފައިދާއެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި ޒުވާން ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަދައްކަމުން ސޮބާ ބުނީ މި މެޗަށް ނުކުންނައިރު އިންޑިއާއަކީ އެ ގައުމުގެ ލީގާއި، ޓީމުގެ ކުޅުންތެރިންގެ ފެންވަރަށް ބެލިކަމުގައިވިޔަސް ފިލިޕީންސްއާ މާ ބޮޑު ތަފާތެއް ނެތް ޓީމެއް ކަމަށެވެ.
އަދި ދެ ގައުމުގެ ފުޓްބޯޅައިގެ ހާލަތަށް ބަލާއިރު އިންޑިއާގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅު ނަމަވެސް، ރާއްޖޭގަ އޮތީ ޒުވާން ވަރުގަދަ ޓީމެއް ކަމަށް ސޮބާ ބުންޏެވެ. އެހެން ނަމަވެސް މެޗެއް ނުކުޅެ މިވަރުގެ މެޗަކަށް ނުކުންނައިރު އުނދަގޫތަކެއް ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
"ސުޒެއިން ކޯޗުވެސް ފާހަގަކުރި ގިނަ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކަމަށް، މީގެ ތެރޭގައި މާޒިޔާ ކުޅުންތެރިން އެ ޓީމުން އެންމެ ފަހުން އޭއެފްސީ ޗެލެންޖާސް ލީގުގައި ކުޅެފައި އޮތީމަ މީގެ ފައިދާތަކެއް އެބަހުރި" ސޮބާ ބުންޏެވެ.
ސޮބާ ބުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ފަރިތަކުރުންތަކެއް ކުރިއަށްގެންދިޔުމުން އޭގެ ރަނގަޅު އަސަރު ގައުމީ ޓީމުން ފެންނާނެ ކަމަށާއި، އެކަމަކު ލީގެއް ނެތި ގިނަ ދުވެސްތަކެއް ފާއިތުވެފައިވާއިރު ވާދަވެރި މެޗެއް ނުކުޅެ ތިބުމުން ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ.
އެންމެ ފަހުން ރާއްޖޭގެ ގައުމީ ޓީމުން ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި ކުޅުނު މެޗުން ވަނީ 3-1 ގެ ނަތީޖާއަކުން އިންޑިއާ އަތުން ބަލިވެފައެވެ. ރާއްޖޭގެ ގައުމީ ޓީމުން އިންޑިއާއާ ދެކޮޅަށް ކުޅޭ އެކުވެރިމުގެ މެޗު އޮންނާނީ ބުދަ ދުވަހު ޝިލޮންގުގައެވެ.