ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމިހުރި 3 ރަށުގެ މަސައްކަތް ނިންމަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ށ.މާއުނގޫދޫ އާއި ށ.ނަރުދޫ އާއި ނ. ޅޮހީގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.
މިކަމާ ބެހޭ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ.
ށ.މާއުނގޫދޫއާއި، ނަރުދޫ އަދި ޅޮހީގެ ފެނާއި ނަރުދަމާގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަކަށް ފެނަކައާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިތިން ރަށުގެ މަސައްކަތަށް 121މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
އެގޮތުން މާއުނގޫދޫގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓްކޮށްފައިވަނީ 46,700,916.26 ރުފިޔާ (ސާޅީސް ހަ މިލިއަން ހަތްސަތޭކަ ހާސް ނުވަސަތޭކަ ސޯޅަ ރުފިޔާ ސައްބީސް) ލާރިއަށެވެ. އަދި ނަރުދޫގެ މަސައްކަތް ނިންމުމަށް 36,858,717.05 (ތިރީސް ހަ މިލިއަން އަށްސަތޭކަ ފަންސާސް އަށްހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ ފަސް) ލާރި ޚަރަދުވެއެވެ. އަދި ޅޮހީގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 37,844,864.34 (ތިރީސް ހަތް މިލިއަން އަށްސަތޭކަ ސާޅީސް ހަތަރު ހާސް އަށްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ތިރީސް ހަތަރު) ލާރިއަށެވެ.