ރާއްޖޭގައި ރަސްމީ ފުޓްބޯޅައިގެ ހަރަކާތްތައް އަހަރަކަށްވުރެ ގިނަ ދުވަހު ހުއްޓި އޮތުމަށްފަހު ގައުމީ ފުޓްބޯޅަ ޓީމުން މުހިންމު މެޗުތަކަކަށް ކުރިމަތިލާއިރު، ފަށަން ޖެހިފައި އޮތީ ވަރަށް މުހިންމު ހަރުފަތަކުން ކަމަށް ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަދައްކަމުން ގައުމީ ޓީމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ސުޒެއިން ބުނީ މި ދަނޑިވަޅުގައި އެންމެ މުހިންމީ މި މަހުގެ 25 ވަނަ ދުވަހު ރަށުން ބޭރުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ކަމަށެވެ.
އޭޝިއަން ކަޕުގެ ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ނުކުންނައިރު، އެ މެޗަށް ތައްޔާރުވުމަށް އަންނަ ބުދަ ދުވަހު އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނާނެއެވެ. އެ ދެ މެޗުގެ މުހިންމުކަން ބޮޑުކަން ފާހަގަކުރަމުން ސުޒެއިން ބުނީ އެންމެ މުހިންމީ ޕިލިޕީންސް މެޗުގެ ނަތިޖާ ނެރުން ކަމަށެވެ.
"ރާއްޖެ އޭޝިއަން ކަޕަށްދާ ވާހަކައަކީ އަޅުގަނޑު އަޑުއަހާލާ ހިއްވާ ވާހަކައެއް. އަޅުގަނޑު މިތާ ނެތްކަމުގައި ވިޔަސް ކޮންމެ މިހަކު މިތާ ހުއްޓަސް ރާއްޖޭ އޭޝިއަން ކަޕަށް ކޮލިފައިވުމަކީ ދިވެހި ފުޓްބޯޅައަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބު ކަމަށް ދެކެނީ." ސުޒެއިން ބުންޏެވެ.
ޓީމުން މާލޭގައި ކުރި އެންމެފަހުގެ ފަރިތަކުރުންތަކުގައިވެސް ފެނިގެންދިޔައީ ވަރަށް އިތުބާރާއި ޔަގީންކަން ކަމަށާއި، ކުޅުންތެރިންގެ ހުނަރާއި ފިޓްނަސް އަދި މެންޓަލީ މެޗަށް ތައްޔާރުވިވަރު މާލޭގައި ބޭއްވި އެންމެ ފަހުގެ ތަމްރީންތަކުން ފެނިގެން ދިޔަކަމަށް ސުޒެއިން ބުންޏެވެ. އެއީ އޭނާއަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމަކާ އިތުބާރެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ސުޒެއިން ބުނީ ގައުމީ ޓީމުގެ ކުރީގެ މެޑިކަލް އޮފިޝަލް އަދި މިހާރުގެ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާ މެދު މުޅި ޓީމުންވެސް ދެކެނީ އަބަދުވެސް ޓީމުގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު ގައުމީ ޓީމާ މެދު ބަހައްޓަވާ ގާތްކުމުގެ ސަބަބުން ކުޅުންތެރިންގެ ހިތްވަރު އައުވެގެންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
"ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް ސަރަކާރުން އެވަރަށް މަސައްކަތްކުރާއިރު އަޅުގަނޑު އަބަދުވެސް ހުންނާނަން، ބެހެއްޓި ކޮންމެ ހިސާބެއްގައި ހުންނާން." ސުޒެއިން ބުންޏެވެ.
ރާއްޖެ ބައިނަލްއަގުވާމީ އެކުވެރިކުމުގެ މެޗުގައި އިންޑިއާއާ ދެކޮޅަށް ބުދަ ދުވަހު ނުކުންނައިރު، އެންމެ ފަހުން އިންޑިއާގެ ފަސްގަނޑުގައި ދެ ޓީމު ކުޅެފައިވަނީ މީގެ 10 އަހަރުކުރިންނެވެ. ޓްރިވެންޑްރަމުގައި ކުޅުނު އެ މެޗުން އިންޑިއާ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.