ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ފައިނަލަށް ކޭޑީއެމް އާއި އެމްއޭސީއެލް ދަތުރުކޮށްފިއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި މި ފަހަރުވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އެމްއޭސީއެލް އިން ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ތިން ވިކެޓުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކުރުމަށްފަހުއެވެ.
މި މެޗުގެ ގުރުދިމާވުމުން ސިފައިންގެ ކުލަބު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 90 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 31 ލަނޑު ހެދި އިބްރާހީމް ރިޒާނެވެ. ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި ހަތް އޯވަރުގެ ތެރޭގައި ވަނީ ހަތަރު ކުޅުންތެރިއަން ނުބައިވެގެން 94 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 36 ލަނޑު އެއްކުރި އާދަމް ނާސިފް އުމަރެވެ.
މީގެ އިތުރުން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ކޭޑީއެމް އިން ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި މީޓިއޯސް އަތުން 59 ލަނޑުން މޮޅުވެގެންނެވެ.
މި މެޗުގައި ގުރުދިމާވުމުން ކޭޑީއެމް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 118 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 33 ލަނޑު ހެދި ހާޒިގު ހަސަން ރަޝީދެވެ. ޖަވާބުގައި މީޓިއޯސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 59 ލަނޑެވެ.
މި މުބާރާތުގެ ފައިނަލްގައި ކޭޑީއެމް އާއި އެމްއޭސީއެލް ބައްދަލުކުރާއިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރެވެ.