ޚަބަރު

ސިފަނުވި ދުލަކުން 2ވަނަ އެޕިސޯޑް: މިއީ ބައްޕަޔަކު ދަރިފުޅަށްޓަކައި ވަމުންދާ ގުރުބާނީއެއް


މި ރަމަޟާންމަހު ޕީއެސްއެމް ނިއުސްއިން ގެނެސްދޭ އެންމެ ޚާއްސަ އެއް ޕްރޮގްރާމްއަކީ "ސިފަނުވި ދުލަކުން" މި ޕްރޮގްރާމެވެ. މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް މިހާރުވަނީ ބެލުންތެރިންނާއި ހިސާބަށް ގެނެސްދީފައެވެ. މި ސިލްސިލާގެ ދެވަނަ އެޕިސޯޑް މިރޭ 22:00ގައި ޕީ.އެސް.އެމް ނިއުސް އިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ އެޕިސޯޑް ޚާއްސަކުރަނީ ފ. ފީއައްޔަށް އުފަން އުމުރުން 33 އަހަރުގެ ހުސެއިން ޝަރީފްއަށެވެ. މިހާރު ވަނީ މި އެޕިސޯޑްގެ ޕްރޮމޯވެސް އާންމުކޮށްފައެވެ. ޕްރޮމޯއިން ފެންނަނީ ހުސެއިންގެ ދިރިއުޅުމުގެ ހާލަތެވެ. އޭނާގެ ދަރިފުޅަށްޓަކައި ވަމުންދާ ގުރުބާނީތަކުގެ ވާހަކަތަކެވެ. ލޯފަން މީހަކަށް ވީނަމަވެސް ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ހުރިހާކަމެއްވެސް ހާސިލުކުރެވިދާނެކަން ހުސެއިން ސާބިތު ކޮށްދެއެވެ. މިއީ ހިތްވަރުގަދަ ބައްޕައެއްގެ ވާހަކަތަކާއި އުދާސްތަކެވެ.

"ސިފަނުވި ދުލަކުން" މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ލޯފަން މީހުންގެ އިޙްސާސްތައް އެމީހުންގެ ދުލުން ގެނެސްދިނުމަށެވެ. ލޯފަންވިކަމުގައި ވީނަމަވެސް އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގައި ބާކީނުވެ، އަބުރުވެރި ދިރިއުޅުމެއް މިފަދަ ފަރާތްތަކަށްވެސް އުޅެވިދާނެކަން އަންގައި ދިނުމަކީ މި ޕްރޮގްރާމްގެ އެންމެބޮޑު އެއް މަޤްސަދެވެ.

މި ޕްރޮގްރާމުގައި ލޯފަން ހަތަރު މީހެއްގެ ދިރިއުޅުމުގެ ޙާލަތު، އެމީހުންގެ ތަޖުރިބާ، އެމީހުންނާއި ޢާއިލާ މެންބަރުންގެ ވާހަކަތައް ވަރަށް ތަފްޞީލުކޮށް ގެނެސްދެވޭނެއެވެ. މިއީ އެމީހުން ދިރިއުޅޭ ރަށްރަށަށް ނިއުސްޓީމުން ގޮސްގެން ނަގާފައިވާ ޕްރޮގްރާމްތަކެކެވެ. ހަތަރު އެޕިސޯޑްގެ މައްޗަށް އުފައްދާފައިވާ މި ޕްރޮގްރާމް ޝޫޓްކޮށްފައި ވަނީ އެކިއެކި ރަށްރަށުގައެވެ. ކޮންމެ އެޕިސޯޑަކުންވެސް ބެލުންތެރިންނަށް އިބުރަތްތެރި އައު ވާހަކަތަކެއް ގެނެސްދޭނެއެވެ.

މި ޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ހޮނިހިރު ދުވަހެއްގެވެސް ރޭގަނޑު 22:00ގައި ޕީ.އެސް.އެމް ނިއުސް އިންނެވެ.