އުރީދޫ ނޭޝަން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޒުވާނުން ބާރުވެރިކުރުމާއި، ފަންނިއްޔާތާއި ހުނަރާ ބެހޭ ވުޒާރާއާ ގުޅިގެން އޫރިދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ މި ފެސްޓިވަލްގެ ފައިނަލް މިރޭ ބާއްވާފައިވާއިރު، މި ފެސްޓިވަލްގެ ފައިނަލްގައި ކުޅުނު ތިން ގޭމަކީ ޕަބްޖީ އާއި، ޓެކަން އަދި އީއޭ އެފްސީއެވެ.
އުރީދޫ ނޭޝަން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލްގެ ޕަބްޖީ މޯބައިލް ގޭމްގެ ބައިން އެއްވަނަ ހޯދީ އެލްއެފް ސްކައިފޯސްއެވެ. ދެވަނަ ހޯދީ އެސްޑީއެމްޒެޑްއެވެ. ތިންވަނަ ހޯދީ ސިންޑިކޭޓް ޓީމުންނެވެ.
ޓެކަންގެ އެއްވަނަ ތަބިޝް ހޯދިއިރު ދެވަނަ ހޯދީ ޔޫހުއެވެ. މި ގޭމްގެ ތިންވަނަ ހޯދީ އަޝްވާންއެވެ. އަދި އީއޭ އެފްސީ ގޭމުން އެއްވަނަ ހޯދީ ނައްސާމް އާއި ޔުމާންއެވެ. ދެވަނަ ހޯދީ އިނާން އާއި ޖަނާން އެވެ. ތިންވަނަ ހޯދީ ޒަޔާން އާއި އަލްޔާންއެވެ.
އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ މި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ފަންނިއްޔާތާއި ހުނަރާ ބެހޭ ވަޒީރު އިބްރާހީމް ވަހީދެވެ. "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ އީސްޕޯޓްސް ކުރިއެރުވުމަށް ސަރުކާރުން ބޭނުންވަނީ ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ކަމަށާއި، ކުރިއަށް އޮތްތަނުގައި ޒުވާނުންނަށް އީސްޕޯޓްސްގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.
މި ފެސްޓިވަލާ ގުޅޭ ގޮތުން ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޖަވާޒް ވިދާޅުވީ އީސްޕޯޓްސްއާ މެދު މީހުން ދެކޭގޮތް ބަދަލުކުރުމަށް ވުޒާރާއިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
މި ފެސްޓީވަލާ ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ޗީޕް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޒުވާނުންނަށް މިފަދަ އީސްޕޯޓްސްގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށާއި، މިއަހަރުވެސް ބައިނަލްއަގްވާމީ ޓޯނަމަންޓްތައްވެސް ބޭއްވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ފެސްޓިވަލް ކުރިއަށްދިޔައީ ލިލީމަގުގައި ހުންނަ ޔޫތު ތާޑް ސްޕޭސްގައެވެ.