އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ފައިނަލުގައި ނިއު ކާސަލް ޔުނައިޓެޑާއި ދެކޮޅަށް އާދީއްތަ ދުވަހު ލިވަޕޫލް ކުޅޭ މެޗުގައި ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ޑިފެންޑަރަށް އަނިޔާ ވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިދިޔަ އަންގާރަ ދުވަހު ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި މެޗުން ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިވެ އެ މުބާރާތުން ވަނީ ކަޓާފަ އެވެ.
ވެންބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލަށް މެޗަށް ނިކުންނައިރު އާނޯލްޑް އަށް ލިބުނު އަނިޔާގެ ސަބަބުން މި މެޗުގައި ލިވަޕޫލްގެ ކަނާތު ބެކަށް ކުޅޭނެ ކުޅުންތެރިއަކު ހޯދުމަށް ކޯޗު ސްލޮޓް އަށް ވަނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެމަގާމަށް ދެން ކުޅޭ ދެ ކުޅުންތެރިން ކަމުގައިވާ ކޮނޯ ބްރޭޑްލީ އާއި ޖޯ ގޯމޭޒް ވެސް ތިބީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގަ އެވެ.
ސްލޮޓް ބުނެފައިވަނީ ފައިނަލް މެޗުގައި އާނޯލްޑް ނުކުޅެނެ ކަމަށާއި އަދި އޭނާއަށް ލިބިފައިވާ އަނިޔާ އިތުރަށް ބެލުމަށްޓަކައި އިތުރު ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ސީޒަނުގެ ނިޔަލަށް ލިވަޕޫލް އާއިއެކު އެލެކްޒެންޑަރ އާނޯލްޑް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެކަމަށް ގިނަ މީޑިޔާ ރިޕޯޓްތަކެއް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކެޕްޓަން ވާޖިލް ވެންޑައިކް އާއި މުހައްމަދު ސަލާ ވެސް ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.