ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ނަސްރުގެ މައްސަރު" މި މައުޟޫއެވެ.
ޚުޠުބާގައި ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހަކީ އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމައާއި ނަޞްރުދެއްވުން ލައްވަވައިފައިވާ މައްސަރެކެވެ. އެ ގޮތުން ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނެވެ. މި ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހަނގުރާމައެވެ.
ޚުޠުބާގައި ވިދާޅުވީ ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެއްކަމަށެވެ. އޭގެ ތެރޭގައި މަޝްވަރާކުރުމުގެ މުޙިއްމުކަމާއި، ެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފަ އަދި މާތް ﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިއްމުކަން ހިމެނޭ ކަމަށެވެ.
ހުކުރު ޚުތުބާގައި ވިދާޅުވީ، މުއުމިނުންގެ ދުޢާއަކި ހަތިޔާރެއްކަމަށެވެ. އަދި ކަންކަމުގައި މާތް ﷲ ހަޟްރަތުގައި ދުޢާ ދެންނެވުމަށް އެއްވެސް ވަރަކަށް ލަދުގަނެގެން ނުވާނެކަން ފާހަގަކުރައްވާ، ޚުތުބާގައިވަނީ މާތްﷲއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ހަމައެކަނި ރަސްކަލާނގެކަން ހަނދާންކޮށްދެއްވާފައެވެ.
"އަދި ތިމަންރަސްކަލާނގެއާއިމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާއި ސުވާލު ކޮށްފިނަމަ(ކަލޭނގެފާނު ވިދާޅުވާށޭވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާއި) ކުއްތަންވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ހަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރިމީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ. ފަހެ އެއުރެން (އެބަހީ:ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާން ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ". ޚުތުބާގައި ވިދާޅުވިއެވެ.
ބަދުރު ހަނގުރާމައިގައި ޝަހީދުވި 14 ބޭކަލުންގެތެރޭގައި ޒުވާން ސަޙާބީން ހިމެނވަޑައިގަތްކަމީ ޒުވާނުން ޢިބުރަތް ލިބިގަންނަންޖެހޭ ކަމެއްކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް މާތްﷲ އަށް ވަކީލުކުރުމަކީ ނަސްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއްކަމަށެވެ. އަދި މާތްﷲ އަށް ވަކީލުކުރުމާއި އަޒުމް ވަރުގަދަވުމަކީ ކަންކަމުގައި ނަސްރާއި ކާމިޔާބަށް ވާސިލްކޮށްދޭ ކަމެއްކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.
"މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާއިގައިވެއެވެ، ތިޔަބައިމީހުން ﷲއަށް (އެބަހީ:ﷲގެ ދީނަށް ނަސްރުދޭނަމަ އެކަލާނގެ ތިޔަބއިމީހުންނަށް ނަސްރުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެތެވެ" ޚުތުބާގައި ވިދާޅުވިއެވެ.
މީގެއިތުރުން ވެރީންނަށް ކިޔަމަންގަތުގެ މާތްސިފައާއި ބެހޭގޮތުންވެސް ޚުތުބާގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ޚުތުބާގައި ވިދާޅުވީ، ބަދުރު ހަނގުރާމައިގައި މުހާޖިރުންނާއި އަންސާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމެވެ.ބަދުރު ހަނގުރާމައިގައި ޖިހާދުކުރުމުގެ އިޒުނަ އައުމުން އެބޭކަލުން އެކަމަށް އިޖާބަދެއްވި ގޮތުން އެނގި ހާމަވީ އެބޭކަލުންގެ ކިޔަމަންތެރިކަންކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އެ ފިލާވަޅުތަކަށް ވިސްނައިގެން ހަޔާތް ބާއްޖަވެރިކުރުމަށްވެސް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.