ނިމުނު ހަފުތާ ފާހަގަކޮށްލެވެނީ ރައީސުލްޖުމްހޫރިއްޔާ ގިނަ ކަންތައްތަކެއް ކަނޑައެޅުއްވި އަދި ޢުމްރާނީ ގޮތުންވެސް ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރެއްވި ހަފުތާއެއްގެ ގޮތުގައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ލިޔަންވީ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަލުން އެކުލަވާލެއްވި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރުގައެވެ.
ހަމައެއާއެކު މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަކީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީވެސް ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. މީގެ ކުރިން މި އޮތޯރިޓީ ހިންގަމުން އައީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުންނެވެ.
މީގެ އިތުރުން ސްޕުރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލު ތަޞްދީޤުނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާލެއްވިއެވެ. މި ބިލު އިތުރަށް ވިސްނެވުމަށް މަޖިލީހަށް ފޮނުވާލެއްވީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ.
މި އަހަރުގެ އެހެން ހަފުތާތަކާ ޚިލާފަށް ނިމުނު ހަފުތާގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރެވިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ބިޔަ މަޝްރޫޢުއެއް ނިމުނު ބުރާސްފަތި ދުވަހު އެ ޚިދުމަތުން އިޢުލާންކުރެއްވިއެވެ. އެ ގޮތުން 75 ރަށެއްގައި ޢިމާރާތް އެޅުމަށް އެކި ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
ހަމައެއާއެކު ކުޅުދުއްފުށީ ދަމަނަވެށްޓާއި 4 ރަށެއްގެ ހޮސްޕިޓަލް އަދި 4 ރަށެއްގައި ސިއްޙީ މަރުކަޒު އަޅަން ޞިއްޙީ ވުޒާރާއިން އެކި ކުންފުނިތަކާ ހަވާލުކުރެއްވީވެސް ނިމުނު ހަފުތާގައެވެ. އަދި 32 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާ ހަވާލުކޮށްފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމަށް ހިންގާ ޤައުމީ ޕްރޮގްރާމުގެ ދަށުން އދ. އަރިޔަދޫގައި ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކޮށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ ނިމުނު ބުދަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ރަށްތަކަށް ފޯރު ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ނިމުނު ހަފުތާގައިވެސް ސިޔާސީ މަޞްރަހުން ފާހަގަކޮށްލެވޭ ޚަބަރުތަކެއް ނޫސްތަކުގެ ސުރުޚީތަކުން ފެނުނެވެ. އެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް މުޙައްމަދު އަނަސް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް ޝަމްޢާ އިސްމާޢީލް އައްޔަނުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ނިމުނު ހަފުތާގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާލާއިރު، ކޯވިޑުގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ހޯދަން ހަވާލުކުރި ކުންފުނިން އެތަކެއްޗަށް ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރު ފޯރުކޮށްނުދިން މައްސަލައިގައި ހިމެނޭ މީހުންނަށް ޖިނާޢީ ތަހުގީގެއްކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރުން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ނިމުނު ހަފުތާގައި ވަނީ އަލުން ހުޅުވާލާފައެވެ. ފުރަތަމަ ހުޅުވާލި ފުރުޞަތުގައި ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތު އެކަންޏެވެ.
ނިމުނު ހަފުތާގައި އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެ ގޮތުން ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ އަދި ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކުލަބުކަމަށްވާ އިނގިރޭސިވިލާތުގެ ލިވަރޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސުން ފާހަގަކޮށްލެވެއެވެ. މި ޕާޓްނަރޝިޕާއެކު ފަތުރުވެރިކަމުގެ އާމްދަނީއަށް 100 މިލިޔަން ޑޮލަރު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
ހަމައެއާއެކު ދައުލަތުގެ ޔޫޒބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްއާއި ރަސްމީ ރިޒާވް އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކުރެއްވީވެސް ނިމުނު ހަފުތާގައެވެ. އެ ގޮތުން ޖެނުއަރީ މަހާއި ފެބްރުއަރީ މަހާ އަޅާބަލާއިރު، ރަސްމީ ރިޒާވް 124 މިލިޔަން ޑޮލަރު އިތުރުވިއިރު، 63 މިލިޔަން ޑޮލަރަށް ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ.
ނިމުނު ހަފުތާގައި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ހޮވައި، އެ މީހުންގެ ނަންތައް އިޢުލާންކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. ކޮންމެ އަހަރަކުވެސް 50 ފަޤީރުން ހައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.
އަދި ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތަކެއް ނިމުނު ހަފުތާގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިޢުލާންކުރެއްވިއެވެ. އަދި މާލޭގެ ހުރިހާ ކާނުތައް ސާފުކުރުމުގެ މަސައްކަތެއްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފެށްޓެވީވެސް ނިމުނު ހަފުތާގައެވެ. އެ ވުޒާރާގެ އަމާޒަކީ މި މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލުމެވެ.
އަދި ހާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފައިވަނީ ނިމުނު ހަފުތާގެ އާދިއްތަ ދުވަހުއެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދީ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައި އިޢުލާންކުރެވުނުކަން ފާހަގަކޮށްލެވެއެވެ.