ޚަބަރު

އޮޑޮބާޓުގެ ދެ ލަނޑާއެކު ޓޮޓްނަމް ކުއާޓާއަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން އަލްކްމަރ ބަލިކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލަށް ޓޮޓްނަމް ހޮޓްސްޕަރ ދަތުރުކޮށްފިއެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް ބަލިވެފައިވީ ނަމަވެސް، ދެވަނަ ލެގުގައި ރޭ ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ މެޗު ކޮންޓްރޯލްކޮށްގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

އެގޮތުން މެޗުގެ 26 ވަނަ މިނިޓުގައި ޑޮމިނިކް ސޮލާންކޭ ދިން ބޯޅައަކުން ވިލްސަން އޮޑޮބާޓް ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ސޮން ހިއުންމިން ގެ އެސިސްޓަކުން ޖޭމްސް މެޑިސަން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ޓޮޓްނަމް ހޮޓްސްޕަރއަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދަދީފަ އެވެ.

ނަމަވެސް 63 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ އަލްކްމާގެ ޕިއާ ކޫޕްމެއިނާރސް ވަނީ ޓޮޓްނަމް ހޮޓްސްޕަރގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލަނޑެއް ކާމިޔާބުކޮށް މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ އަށް ކުރި ލިބިފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި ސޮލާންކޭ ދިން ބޯޅަ އަކުން އޮޑޮބާޓް ކާމިޔާބުކުރި ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ 13 ވަނައިގައި މި ވަގުތު އޮތް ޓޮޓްނަމް ހޮޓްސްޕަރ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވާއިރު, ކުއާޓަރ ގައި އެ ޓީމާއި ދެކޮޅަށް ނިކުންނާނީ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އެވެ. ކުއާޓަރ ފައިނަލުގެ ޖާގައެއް ފްރެންކްފަޓް ހޯދާފައިވަނީ ނެދަލޭންޑްސްގެ އަޔަކްސް 6-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.