ޚަބަރު

ބްރޫނޯ ފެނާންޑޭޒްގެ ހެޓްރިކާއެކު ޔުނައިޓެޑް ކުއާޓާއަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ 4-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފިއެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ރޭ ކުޅުނު ދެވަނަ ލެގުގައި ޔުނައިޓެޑްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދިހަވަނަ މިނިޓުގައި ރެއާލް ސޮސިއެޑާޑަށް ލިބުނު ޕަނަލްޓީއަކުން މިކޭލް އޮޔާޒަބާލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ހަ މިނިޓު ފަހުން ރަސްމުސް ހޮއިލެންޑަށް އޭރިޔާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޔުނައިޓެޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ މި މެޗުގައި ރެފްރީ ދިން ތިންވަނަ ޕެނަލްޓީ އެވެ. މި ޕެނަލްޓީ އަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޕެޓްރިކް ޑޯގޫ އަށް ފައުލް ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭޒް އެވެ.

މި މެޗުގައި ރެއާލް ސޮސިއެޑާޑަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 63 ވަނަ މިނިޓުގައި ޖޯން އަރަމްބުރޫ އަށް ރެފްރީ ރަތް ކާޑު ދައްކާ އޭނާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

ބްރޫނޯ ފެނާންޑޭޒް މި މެޗުގައި ތިންވަނަ ލަނޑެއް ޖަހާ ހެޓްރިކް ހަދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 15 ވަނަ ލަނޑެވެ.

އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ޑިއޮގޯ ޑަލޮޓް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށް ޔުނައިޓެޑަށް ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.

ރޭގެ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްއިން މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެ ކްލަބުގެ ބައެއް ކުޅުންތެރިންނަކީ ފެންވަރު ދަށް ބައެއް ކަމަށާއި އަދި ބައެއް ކުޅުންތެރިންނަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު މުސާރައެއްދޭ ބައެއް ކަމަށް ކްލަބުގެ އެއް ހިއްސާދަރު ކަމުގައިވާ ޖިމް ރެޓްކްލިފް މި ހަފްތާގައި ބުނެފައިވަނިކޮށެވެ.