ޚަބަރު

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ބިޔަ މަޝްރޫޢުއެއް، 75 ރަށެއްގައި ޢިމާރާތް އެޅުމަށް ހަވާލުކޮށްފި


  • ހުރހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމަކީ ރައީސްގެ ތަސައްވުރެއް

  • މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދޭނެ

  • ސަރަހައްދީ އަދި އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުން ހިމެނޭ

ފުލުހުންގެ ޢިމާރާތް ހަތްދިހަ ފަސް ރަށެއްގައި އެޅުމަށް، ސަރުކާރުގެ 3 ކުންފުންޏަކާ ޙަވާލުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅަކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން، ފުލުހުންގެ ޢިމާރަތްތައް އެޅުމަށް ޙަވާލުކުރައްވާފައިވަނީ، އެމްޓީސީސީއާއި، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރެޝަނާއެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަމާން މުޖުތަމަޢުއެއް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 75 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި ޢިމާރާތް ތަރައްޤީކުރުމަށްވަނީ ޙަވާލުކުރައްވާފައެވެ.


މިމަޝްރޫޢުގެ ދަށުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ ޢިމާރާތް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގަިއ ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުން ހިމެނެއެވެ. އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤިކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މއަހަރަކީ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ތަޞައްވުރުކުރައްވާފައިވާތީ އެނިންމުމާއެކު އެމަނިކުފާނުގެ ޚާއްސަ އިރުޝާދުގެ ދަށުން ފުލުހުންގެ މުއައްސަސާގެ ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ދަށުން 75 ޢިމާރާތް ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާކަމަށެވެ. މިމަޝްރޫޢުގެ ދަށުން 75 ޢިމާރާތް ތަރައްޤީކުރެވުމުން ރާއްޖޭގައި ޚިދުމަތް ނެތް ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށްރަށުގައި ޚިދުމަތް ޤާއިމުވެގެންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މިދައުރު ފެށުނުއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ އެންމެ 17 ސްޓޭޝަނުގައިކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.


ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ހިންގާ ބިޔަ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް ޢަލީ ޒުހައިރެވެ. މީގެއިތުރުން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ.