ކުޅިވަރު

ބާސެލޯނާއަކީ މުޅިން އެހެން ފެންވަރެއްގެ ޓީމެއް: ކޮވަޗް


ބާސެލޯނާއަކީ ތަފާތު ދައްކާނެ ޓީމެއް ކަމަށާއި، ކުރިއަށް އޮތް މެޗު ފަސޭހަނުވާނެ ކަމަށް ބޮރޫޝިއާ ޑޯޓްމުންޑުގެ ކޯޗު ނިކޯ ކޮވަޗް ބުނެފިއެވެ. ކޮވަޗް މިހެން ބުނެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިލް އަތުން 2-1 އިން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

ލި އަތުން މޮޅުވުމުން އެކަމާ މެދު ހިތްހަމަޖެހިއްޖެކަން ފާހަގަކުރަމުން ކޮވަޗް ބުނެފައިވަނީ އަދި މިވަރުން އަތް ދޫކޮށްލެވެން ނެތް ކަމަށާއި، ކުއާޓާ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނަ މެޗު ފަސޭހަނުވާނެ ކަމަށެވެ. އެ މެޗު ކާމިޔާބުކުރުމަށް ބުރަ މަސައްކަތް ކުރަން ޖެހޭނެކަން ފާހަގަކުރަމުން އޭނާ ވަނީ ބާސެލޯނާއަކީ މުޅިން އެހެން ފެންވަރެއްގެ ޓީމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ބޮރޫޝިޔާ ޑޯޓްމުންޑް ވަނީ އެ މީހުންގެ އަމިއްލަ ދަނޑުގައި ލިލްއާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ރަށުން ބޭރުގައި ލިލްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ޑޯޓްމުންޑް މޮޅުވިއިރު، 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ވަނީ ކުރި ލިބިފައެވެ.

"މެޗު ދިޔައީ އެންމެ ރަނގަޅަކަށް ނޫން. އެހެންނަމަވެސް ޓީމެއްގެ ގޮތުގައި ދެއްކި ކުޅުން ގޯހެއް ނޫން. މުޅި މެޗުކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރީވެސް އަހަރުމެން" ލިލްއާ ވާދަކޮށް އެއްވަރުވި މެޗާ ގުޅޭގޮތުން ކޮވަޗް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ކުޅުނު މެޗުތަކުގައި ލިބުނު ފުރުސަތުތައް ގިނަކަން ފާހަގަކުރަމުން ކޮވަޗް ބުނީ އެކަމުންވެސް ދައްކައިދެނީ ޓީމުގައި ފެންވަރު ހުރިކަން ކަމަށާއި، ޓީމު އަބަދުވެސް އޮންނާނީ މެޗުތަކަށް ތައްޔާރަށް ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޮވަޗް ބުނީ ކުރިއަށް އޮތް ބާސެލޯނާ މެޗަކީ ވަރުގަދަ މެޗަކަށްވާނެ ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބެންފީކާ އަތުން ބާސެލޯނާވަނީ ފަސޭހަ މޮޅެއް ހޯދާފައެވެ. އެހެންކަމުން ބާސެލޯނާއާ ދެކޮޅަށް އަންނަ މަހު ކުރިމަތިލާނީ އެކަން ދަނެގެން ކަމަށްވެސް ކޮވަޗް ބުންޏެވެ.

"އެއީ ވަރުގަދަ ޓީމެއް. އެހެންނަމަވެސް އެޓީމާއި ވާދަކޮށް މޮޅުވުމުގެ ފުރުސަތު ނެތެކޭ ނުބުނާނަން" ކޮވަޗް ބުންޏެވެ.

ޑޯޓްމުންޑުގައި މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، ބާސެލޯނާ މެޗަށް ނުކުންނާނީ ލިބެންހުރި ހުރިހާ ވަސީލަތަކާއެކު މެޗު ކާމިޔާބުކުރުމަށް ކަމަށް ކޮވަޗް ބުންޏެވެ. ޓީމުގައި ހަލުވި ކުޅުންތެރިން އެބަތިބިކަމަށާއި ބާސެލޯނާ މެޗަށް ޓީމުގެ ދިފާއު އިތުރަށް ވަރުގަދަކުރާނެކަމަށްވެސް ކޮވަޗް ފާހަގަކުރިއެވެ.

"އަހަރުމެން ބާސެލޯނާއާއި ދެކޮޅަށް ނިކުންނާނީ ދޭތިން އެކައްޗަށް" ވަރުގަދަ އަޒުމެއްގައި ހުރި ބޮރޫޝިއާ ޑޯޓްމުންޑްގެ ކޯޗު ކޮވަޗް ވާހަކަ ނިންމާލަމުން ބުނެލިއެވެ.