ޚަބަރު

އެފްއޭއެމްގެ ހިންގާ ގަވާއިދު އިސްހާލުކުރުމަށް ފީފާ އާއި ކުލަބުތައް އެއް މޭޒަކަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ގަވާއިދު އިސްހާލުކުރުމަށް ފީފާ އާއި ކުލަބުތަށް ގުޅިގެން ޚާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

މި ވޯކްޝޮޕާ ގުޅޭ މައުލޫމާތު "ޕީއެސްއެމް ނިއުސް" އާ ހިއްސާކުރައްވަމުން އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ބާއްވާ މި ވޯކްޝޮޕަށް 17 ކުލަބަކަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ދަށުން ހިންގަމުން އަންނަ އެފްއޭއެމްގެ ހިންގާ ގަވާއިދަށް ގެނައުމަށް ފީފާއިން ހުށަހަޅާފައިވާ ބަދަލުތައް ކުލަބުތަކާ ހިއްސާކުރުމާއި، ކުލަބުތަކުގެ ޚިޔާލު ހޯދުން ވޯކްޝޮޕުގައި ކުރިއަށްދާނެ ކަމަށާއި، ފީފާގެ ފަރާތުން ދެ ޑެލިގޭޓުންނާއި އޭއެފްސީގެ ފަރާތުންވެސް ދެ ޑެލިގޭޓުން މި ވޯކްޝޮޕުގައި ބައިވެރިވާން ހަމަޖެހިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަދި މިއީ މިނިވަންކަމާއެކު ކުރިއަށް ގެންދަންޖެހޭ ކަމެއްކަމުން، ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، ފީފާފެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާނީ އަޙްމަދު ހައްރާޒު ކަމަށް ވިދާޅުވިއެވެ. ހައްރާޒަކީ ފީފާގެ ފޯކަލް ޕޮއިންޓެއް ގޮތަށް އެފްއޭއެމްއަށް އިރުޝާދު ދެއްވުމަށް ހަމަޖައްސަވާފައި ހުންނަވާ ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމަންޓުގެ ސީނިއަރ ގަވަނަންސް މެނޭޖަރެވެ.

"މިއީ ސީދާ ކުލަބުތަކަށް ވަރަށްފޯކަސްޑް އިންޑިޕެންޑެންޓްކޮށް ގެންދަން ޖެހޭ އެއްޗެއް. އެއީ އެފްއޭއެމްގެ ކަންތައްތަކީ ސީދާ ކުލަބުތަކާއި ގުޅިފައިވާ ކަމަށްވާތީ ސީދާ ފީފާއަކުން ބޭނުމެއް ނުވޭ އެހެން ތާޑް ޕާޓީ މީގެ ތެރޭގައި އިންވޯލްވާކަށް. މި މަޝްވަރާތަކުގައި ކުލަބުތަކުގެ ބަސް ހޯދަން ޖެހޭ ކަމަކަށް ތާޑްޕާޓީ ވައްދައިފިއްޔާމުން އެއީ ރަނގަޅު ގޮތަކަށް ފެއާ ގޮތަކަށް ނުދާނެތީ ފީފާއިން ވަރަށް ބޮޑަށް ސްޓްރިކްޓްލީ އަންގާފަ އޮންނަނީ އެމްއޭއެމް އާއި ކުލަބުތަކާއިއެކީގައި ކްލޯސްޑް ޑޯގައި ކުރިޔަށް ގެންދަން" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ހައްރާޒުގެ އިތުރުން ރާއްޖޭގެ ކަންކަމާ ހަވާލުވެ އިންޑިއާގައި ހުންނަވާ ޕްރިންސް ރޫފަސް އާއި އޭއެފްސީގެ މަންދޫބުންވެސް މި ވޯކްޝޮޕުގައި ބައިވެރިވެ އިރުޝާދު ދެއްވާނެ ކަމަށެވެ.