ޚަބަރު

ބްރޫޖް ބަލިކޮށް އެސްޓަން ވިލާ ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އެސްޓަން ވިލާއިން ހޯދައިފިއެވެ.

އެސްޓަން ވިލާއިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކްލަބް ބްރޫޖްއާ ދެކޮޅަށް ދެވަނަ ލެގުގައި ރޭ ކުޅުނު މެޗު 3-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް ޖުމްލަ 6-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގުން އެސްޓަން ވިލާ މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ލަންޑަނުގެ ވިލާ ޕާކުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް މެޗުގެ 16 ވަނަ މިނިޓުގައި ރެފްރީ ވަނީ ބްރޫޖުގެ ޑިފެންޑަރ ކިރިއާނީ ސާބޭއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ އެންމެ ފަހު ކުޅުންތެރިއަކަށްހުރެ މާކަސް ރަޝްފޯޑް އަށް ފައުލް ކުރުމާއި ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ގިނަ ވަގުތު އެއް ކުޅުންތެރިއަކު މަދުކޮށް ކްލަބް ބްރޫޖުން ކުޅުނު ނަމަވެސް އެސްޓަން ވިލާއަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާތީ ކޯޗު އުނެއި އެމެރީ ވަނީ ދެވަނަ ހާފަށް ނިކުތްއިރު އެ ޓީމަށް ދެ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ކަމާރާ އާއި އޮލީ ވޮޓްކިންސްގެ ބަދަލުގައި ބެއިލޭ އާއި މާކޯ އަސެންސިއޯ ވަނީ ކުޅެން އަރުވާފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އެސްޓަން ވިލާގެ މާކޮ އަސެންސިއޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން އިއާން މާޓްސެން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އެސްޓަން ވިލާއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަޝްފޯޑްގެ އެސިސްޓަކުން އަސެންސިއޯ އެވެ.

ފްރާންސްގެ ޕީއެސްޖީ އިން އަސެންސިއޯ އެސްޓަން ވިލާއަށް ބަދަލުވި ފަހުން އޭނާ ދަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި މެޗުން އެސްޓަން ވިލާ މޮޅުވުމާއެކު މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އެ ޓީމު ނިކުންނާނީ އެސްޓަން ވިލާގެ ކޯޗު އުނެއި އެމެރީ އާއި އަސެންސިއޯގެ ކުރީގެ ކްލަބް ކަމުގައިވާ ޕީއެސްޖީ އާއި ދެކޮޅަށެވެ.

ޕީއެސްޖީން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލް ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހުގަ އެވެ.