ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، 2026 ވަނަ އަހަރު ބާއްވާ އެ މުބާރާތުގައި ރާއްޖެއިން ބޭރުގެ ހަ ޓީމެއް ބައިވެރިވާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފާއިތުވި ތިން އަހަރުގެ ކްރިކެޓްގެ ކާމިޔާބީ ފާހަގަކުރުމަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ކްރިކެޓް ހަވީރު ހަފުލާގައި ވާހަކަދައްކަވަމުން ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން މަސައްކަތްކުރާއިރު އެންމެ ބޮޑަށް ބޭނުންވަނީ ކްރިކެޓަށް ޚާއްސަ ވަކި ދަނޑެއް ކަމަށެވެ.
"ކްރިކެޓަށް ޚާއްސަ ދަނޑެއް ލިބުމަކީ ވަރަށް ބޮޑަށް އެދޭ އެދުމެއް. އެކަމަށްޓަކައި ކުޅިވަރާ ބެހޭ ވަޒީރުވެސް ގެންދަވަނީ މަސައްކަތްކުރައްވަމުން" ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގެ އެހެން ކުޅިވަރުތަކާ އެއްގޮތަށް ކްރިކެޓް ކުރިއެރުވުމުގައި އެންމެ ބޮޑު ބައިވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ކަމަށާއި، ކުޅިވަރާ ބެހޭ ވަޒީރުގެ ލަފާ އަބަދުވެސް ލިބިވަޑައިގަންނަވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހާއި ކުޅިވަރު އެކުވެނީގެ މުވައްޒަފުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބިގެންދާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފައިސަލް ވަނީ ދުނިޔޭގެ ކްރިކެޓް އިދާރާ އާއި ސަރަހައްދީ ކްރިކެޓް އިދާރާއިން ދޭ އެހީތެރިކަމާއި، ރާއްޖޭގެ ސްޕޮންސަރުންގެ ފަރާތުން ލިބޭ އެހީތެރިކަންވެސް ފާހަގަކުރައްވާފައެވެ.
ފައިސަލް އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ ކްރިކެޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށާއި، ރާއްޖޭގެ ގައުމީ ޓީމުން ބައިނަލްއަގުވާމީ މުބާރާތަކުން ވަނަ ހޯދައި، ރާއްޖެއަށް ތަށި ގެނެސްދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރަކީ މާ އުއްމީދީ އަހަރެއް ކަމަށް ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މި އަހަރު ސީބީއެމް އިން އަލަށް ތައާރަފުކުރާ ކުރިކެޓް އެކެޑަމީ ވެގެންދާނީ 2030 ވަނަ އަހަރާ ހަމައަށް ކުރިކެޓްގެ އައު ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށެވެ.
ރޭ ބޭއްވި ކްރިކެޓް ހަވީރުގައި ވަނީ ކްރިކެޓް ކުރިއެރުވުމަށް ތިން ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ޖާޒީ ތައްޔާރުކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއެކު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އަދި އިންޑިއާ އާއި އިނގިރޭސިވިލާތުގެ ކުންފުންޏަކާއެކު ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކާއެކު ކްރިކެޓް އިތުރު ހަރުފަތަކަށް ގެންގޮސް، ފެންވަރު ރަނގަޅު އައު ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސީބީއެމް އިން މައުލޫމާތުދެއެވެ.