ޚަބަރު

ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު ރަށުން ބޭރުގައި ލިވަޕޫލްއިން ވަނީ 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެކަމަކު ރޭ އެންފީލްޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކުރުމާއެކު، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 12 ވަނަ މިނިޓުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހާ ޕީއެސްޖީ އަށް ކުރި ހޯދަދީފަ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރި ލިވަޕޫލް މުބާރާތުން ކަޓާފައިވާއިރު، ރޭގެ މެޗުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފަ އެވެ. އެގޮތުން ޑެމްބެލޭގެ އިތުރުން ކްވިޗާ ކްވަރަޝްކޭލިއާއަށް ލިބުނު ފުރުސަތުތައް ފާހަގަ ކުރެވެއެވެ.

ލިވަޕޫލްގެ މުހައްމަދު ސަލާހު އާއި ލުއިޒް ޑިއާޒްގެ އިތުރުން ޑޮމިނިކް ސޮބޮޒްލާއީ ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރޫމާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމާއިއެކު އިތުރު ވަގުތުގެ 30 މިނިޓު ކުޅުމަށްފަހު ނަތީޖާއަށް ބަދަލު އައިސްފައިނުވާތީ މި މެޗުގައި ނަތިޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕިއެސްޖީން ޖެހި ހަތަރު ޕެނަލްޓީވެސް އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު، ލިވަޕޫލްއިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ މުހައްމަދު ސަލާހު ޖެހި ޕެނަލްޓީ އެވެ. އެ ޓީމުގެ ޑާވިން ނޫނޭޒް އާއި ކާޓިސް ޖޯންސް ފޮނުވާލި ޕެނަލްޓީތައް ޕީއެސްޖީގެ ކީޕަރު ޑޮންނަރޫމާ ވަނީ ދިފާއުކޮށްފައެވެ.

ޕީއެސްޖީ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ލިވަޕޫލް ކަޓާފައިވާއިރު، އަންނަ އާދީއްތަ ދުވަހު އެ ޓީމުން ނިކުންނާނީ އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.