ޚަބަރު

ފެޔަނޫޑް ބަލިކޮށް އިންޓަރ މިލާން ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ 2-1 ގެ ނަތީޖާއަކުން ފެޔަނޫޑް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އިންޓަރ މިލާނުން ހޯދައިފިއެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ނިކުތްއިރު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން އިންޓަރ މިލާނުން ވަނީ 2-0 ގެ ނަތީޖާއަކުން ރަށުން ބޭރުގައި ކާމިޔާބުކޮށްފައެވެ. އެހެންކަމުން އެ ޓީމަށް ކުރިލިބިފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 8 ވަނަ މިނިޓުގައި އިންޓަރ މިލާނުގެ މާކަސް ތުރާމް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފެޔަނޫޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ އިންޓަރ މިލާނުގެ ހަކާން ޗަޅަނޮގްލޫ، ފެޔަނޫޑްގެ ކުޅުންތެރިއަކަށް އޭރިޔާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖޭކޮބް މޮޑާ ކާމިޔާބުކުރި ލަނޑެކެވެ.

އިންޓަރ މިލާނުން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި މެހްދީ ތަރީމީއަށް ފައުލް ކުރުމާ ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އިންޓަރ މިލާނަށް ކާމިޔާބުކޮށްދީފައިވަނީ ހަކާން ޗަޅަނޮގްލޫއެވެ.

އިންޓަރ މިލާނުގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒްގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މާކަސް ތުރާމްއަށް ވަނީ ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ މި ފަހަރު ފޮނުވާލި ބޯޅަ ވަނީ ހުރަސް ދަނޑި މަތިން ބޭރުވެފައެވެ.