ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް ލައްކައަކަށްވުރެ ގިނަ މަސްދަޅު ކޭސް ބަހާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދަޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ބައިވެރިވި މީހުންގެ އަގުވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ މަސްދަޅު ކޭސް ބެހުމުގައި މަސައްކަތް ކުރެއްވި މީހުންނަށާއި އެކަމުގެ އިންތިޒާމްތައް ހަމަޖެއްސި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް ރޯދަ ހަދިޔާ ބަހަން ފުރަތަމަ މަދު ތަނަކުން ބަހަން ފެށުމުން ދިމާވި ތަކްލީފްތަކަށް ލުޔެއް ގެނައުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
އެގޮތުން އިތުރު ސަރަޙައްދުތައް ހޯދުމުގެ މަސައްކަތްތަކާއި އެތަންތަނަށް މަސްދަޅު ކޭސްތައް ގެންދިޔުމާއި ބެހުމުގެ އިތުރަށް އަލުން އަނބުރާ އެތަކެތި ރައްކާތެރި ތަންތަންށް ގެންދިޔުމަށް ކުރެއްވި މަސައްކަތް ފާހަގަކުރެއްވިއެވެ.
"މަސްދަޅު ކޭސްތައް ހުރި ތަން ނޫން ތަންތަނަށް ބަދަލުކުރަން ޖެހުނު. އިތުރު ތަންތަން ހޯދަން ޖެހުނު. ފަހުން 13 ސަރަޙައްދަކުން މިތަކެތި ބަހަންފެށުމުން އަޅުގަނޑުމެންގެ މިނިސްޓްރީން އެކަނިވެސް ގާތްގަޑަކަށް 100އެއްހާ މުވައްޒަފުން އެކަމުގައި ހަރަކާތްތެރިވި." ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ 49416 ގޭބިސީތަކަށް އަދި ރަށްރަށުގެ 60711 ގޭބިސީތަކަށް ރޯދަ ހަދިޔާ ބަހާފައިވާކަމަށާއި މުޅި ޖުމުލަ 110127 ރޯދަ ހަދިޔާ ދެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ދިން މަސްދަޅު ކޭހަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އަގުހުރި، ރައްޔިތުން ވަރަށް ބަލައިގަތް އެއްޗެއްކަށްވެފައިވާކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައިވާނީ ވަރަށް ރަނގަޅު އިންތިޒާމެއްގެ ދަށުންކަން ފާހަގަކުރައްވާ ވަޒީރު ވަނީ މަސްދަޅު ކޭސް ބެހުމަށް ޕޯޓަލެއް ތައްޔާރުކޮށްދިނުމުން ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިހާތަނަށް އައިރު ރޯދަ ހަދިޔާ ބަހަމުން ގެންދިޔައީ މާލެ ސަރަޙައްދުގެ 13 މަރުކަޒަކުންނެވެ. އަދި މިއަދުން ފެށިގެން މާލެއާއި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެތަންތަނުން މަސްދަޅު ކޭސް ދޫކުރުރުމަށް ވަނީ ހަމަޖެހިފައެވެ. މިފްކޯގެ ފިހާރަތަކުން މަސްދަޅު ކޭސް ދޫކުރި ނަމަވެސް ކޭސް ދޫކުރާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންނެވެ.