ހެންވޭރު އަދި ހުޅުމާލެ ފެރީ ޓަރމިނަލް ބޭނުން ކުރުމަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުޞަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ހެންވޭރު ފެރީ ޓަރމިނަލް އަދި ހުޅުމާލެ ފެރީ ޓަރމިނަލްގެ ބަނދަރު، ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
މިކަމަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ ހެންވޭރު އަދި ހުޅުމާލެ ފެރީ ޓަރމިނަލް ބޭނުން ކުރުމަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.
• އދ. އަތޮޅުގެ ފެންފުށި، މާމިގިލ،ި އަދި ދިއްދޫ
• ކ. އަތޮޅުގެ މާފުށި، ގުރައިދޫ، ގުޅި، ގާފަރު އަދި ކާށިދޫ
• ބ. އަތޮޅުގެ ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫ
އެމްޓީސީސީން ވިދާޅުވީ މިހާރު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު ޚިދުމަތް ފެށުމުން ދުވާލަކު 15 ލޯންޗް ފެރީއަށް ޓަރމިނަލުން ޚިދުމަތް ދެވޭނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ.
މި ޚިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓަރމިނަލުން އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ހަމަޖައްސާނެއެވެ. އަދި ހުޅުމާލޭ ފެރީ ޓަރމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ޚާއްސަކޮށްފައިވާކަމަށް އެމްޓިސީސީން ވިދާޅުވެއެވެ.
މީގެ އިތުރުން ކޮންމެ އުޅަނދަކަށްވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނެޓުގެ ވަގުތެއް ލިބޭނެކަމަށާއި ދަތުރުވެރީން ޓަރމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ޚާއްސަ ސަރަހައްދެއް ޓަރމިނަލް ތެރޭ އިންތިޒާމުކުރެވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި ދަތުރުވެރީންގެ ފަސޭހައަށްޓަކައި ޓަރމިނަލްގެ ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެމްޓިސީސީން ވިދާޅުވީ ޓަރމިނަލްގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާއަށް ބަލައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެކަމަށެވެ.
މާލޭގެ ބަނދަރުތަކަކީ ދުވާލަކު އެތައް ސަތޭކަ އުޅަދުފަހަރެއް ބަނދަރުކޮށް އަދި ފުރުމަށް ބޭނުންކުރާ ބަނދަރުތަކެވެ. އެ އުޅަނދުފަހަރުގައި މީހުން ފުރުވުމުގައި އަދި މާލެއަށް އައުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ މާލޭގެ ބަނދަރުތަކުގެ ޖާގައިގެ ދަތިކަމެވެ. ލަފާފުރުމަށް މާލޭގެ ބަނދަރުތަކުގެ ތޮއްޖެހުމުގެ ސަބަބުން އުޅަނދުތަކުން މީހުން ބޭލުމަށްވެސް ވަރަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހެއެވެ. ވުމާއެކު ފެރީ ނުވަތަ ލޯންޗު އޮޕަރޭޓުކުރާ ފަރާތްތަކުގެ ކަންބޮޑުވުމަކަށް އެކަންވަނީ ވެފައެވެ.