ސައި ލެގޫން މޯލްޑިވްސް ރިސޯޓުގައި ފެންވަރު ރަނގަޅު ޕަޑެލް ޓެނިސް ކޯޓެއް ހުޅުވައިފިއެވެ.
މި ކޯޓު ހުޅުއްވައިދެއްވީ މިއަދު ހަވީރު އެ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނަބާ ނިޝާން އާއި، ބްރެޒިލްގެ 'ރަން ޖީލުގެ' ކާމިޔާބު ގޯލްކީޕަރު ނެލްސަން ޑީޑާގެ އިތުރުން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އިޓަލީއަށް ކާމިޔާބުކޮށްދިން ޓީމުގެ މުހިންމު ކުޅުންތެރިޔާ ޖިއަން ލޫކާ ޒަމްބްރޯޓާ ހިމެނެއެވެ.
މި ކޯޓު ހުޅުއްވައިދެއްވުމަށްފަހު ވަޒީރު ރާފިޢުގެ އަރިހުގައި ޑީޑާ އާއި ޒަމްބްރޯޓާވެސް ވަނީ ކޯޓުގައި ޓެނިސް ކުޅުއްވާފައެވެ. ރާއްޖޭގައި ސައި ލެގޫންގައި ޕަޑެލް ޓެނިސް ކޯޓެއް ހުޅުވިގެންދިޔައިރު، މި ކޯޓަކީ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ދިވެހިންނަށް ހުޅުވާލެވިފައިވާ ތަނެކެވެ.
"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ސައި ލެގޫން މޯލްޑިވްސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ޢަބްދުﷲ މުފީދު ވިދާޅުވީ މިއީ ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމުގައި އެބޭފުޅުން އިސްނަންގަވައިގެން އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ކޯޓު ހުޅުވިގެން ދިއުމުން ދިވެހިންނަށާއި ފަތުރުވެރިންނަށް ރާއްޖޭގައި ޕަޑެލް ޓެނިސް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިއަދުން ފެށިގެން މި ހުޅުވުނީ ކަމަށްވެސް މުފީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެބޭފުޅުން ފަހިކޮށްދެއްވި މި ފުރުސަތާއެކު ޕަޑެލް ޓެނިހަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް މި ކުޅިވަރުގައި ކުރިއަރާ ދިއުމަށް މަގު ފަހިވެގެންދާނެކަމަށްވެސް މުފީދު ފާހަގަކުރެއްވިއެވެ. މި ކޯޓުން ތަމްރީނުވެގެން ނިކުންނަ އައު މޫނުތައް މުސްތަގްބަލުގައި މުބާރާތްތަކުން ފެނުމަކީ އެބޭފުޅުން ކުރައްވާ އުއްމީދެއް ކަމަށްވެސް މުފީދު ވިދާޅުވިއެވެ.
މިއީ ހަމައެކަނި ކުޅިވަރު ކުޅޭނެ ކޯޓެއް ނޫންކަމަށާއި، އެކުވެރިކަމުގެ ރޫހެއްގައި އެއްބައިވަންތަކަމާއިއެކު، ވާދަކޮށް އުފާވެރިކަން ގެނުވައިދޭނެ ތަނަކަށް ވެގެންދާނެކަމަށް މުފީދު ވިދާޅުވިއެވެ. މުފީދު އިތުރަށް ވިދާޅުވީ ޕަޑެލް ޓެނިހަކީ ރާއްޖެއަށް އަދި އައު ކުޅިވަރެއް ކަމަށާއި، ރިސޯޓުގައި ހުޅުވިގެން މިދިޔަ ކޯޓުގެ ސަބަބުން ރާއްޖޭގެ ތާޒާ ވަޔާއި، ހިތްގައިމު ގޮނޑުދޮށްތަކާއި، ބިއްލޫރިކޮޅެއްފަދަ މޫދުގެ އުފާ ލިބިގަންނަމުން ހިތްގައިމު ތަޖުރިބާއެއް ކޯޓުގައި ކުރެވިގެންދާނެކަމަށެވެ.
ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި، ޑީޑާ އަދި ޒަމްބްރޯޓާއަކީ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ދެފަރާތް ނަމަވެސް، އެ ދެ ކުޅުންތެރިންނަކީ ޕަޑެލް ޓެނިސް ކުރިއެރުވުމުގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ޕަޑެލް ޓެނިސްގެ އެމްބެސެޑަރުންކަމަށްވެސް މުފީދު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭރު ތަކެތި ގެނެސް ގާތްގަނޑަކަށް މަސްދުވަހުން ރާވާ ނިންމާލި މި ކޯޓަކީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ބާރު އަޅާ، ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށް އެއްބާރުލުން ދިނުމުގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ކުރެވުނު މަސައްކަތެއްކަމަށް މުފީދު ފާހަގަކުރެއްވިއެވެ.
ޕަޑެލް ޓެނިހަކީ މިހާރު ދުނިޔޭގައި ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރަކަށް ވުމުން، ރާއްޖޭގައި މި ހުޅުވުނު ކޯޓުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާ، ޕަޑެލް ޓެނިހުން ހުނަރުވެރި ޒުވާން މޫނުތަކެއް މުސްތަގުބަލުގައި ރާއްޖެއިން ފެނުމަކީ ސައި ލެގޫން މޯލްޑިވްސްގެ މެނޭޖުމަންޓުގެ އެންމެ ބޮޑު އުއްމީދުކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މުފީދު ފާހަގަކުރެއްވިއެވެ.