އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުން އެއް ލައްކަ މީހުންގެ ޖާގައިގެ ދަނޑެއް އެޅުމަށް ނިންމައި، އެކަން އިއުލާންކޮށްފިއެވެ.
އިނގިރޭސިވިލާތުގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކުލަބު ކަމުގައިވާ ޔުނައިޓެޑުން މި ސްޓޭޑިއަމް އެޅުމަށް 2.59 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެއެވެ. އަދި މި ސްޓޭޑިއަމް ވެގެންދާނީ އިނގިރޭސިވިލާތުގައި އަޅާ އެންމެ ބޮޑު ސްޓޭޑިއަމަށެވެ.
ޔުނައިޓެޑުން އަންގާރަ ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި އޯލްޑް ޓްރެފަޑް އާއި ޖެހިގެން އަލަށް އަޅާ މި ސްޓޭޑިއަމްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު މިހާރުގެ އޯލްޑް ޓްރެފަޑް ތަޅާލާނެއެވެ.
ކުޑައެއްގެ ގޮތަށް ފަރުމާ ކޮށްފައިވާ މި ދަނޑުގެ ކުރެހުން ލަންޑަނުގައި ދައްކާލާފައިވާއިރު، މި މަޝްރޫއު ނިމިގެންދާއިރު 92 ހާސް ވަޒީފާ އިތުރުވެގެންދާނެ ކަމަށާއި، އަދި އަހަރަކު އިނގިރޭސިވިލާތުގެ އިގުތިސާދަށް 7.3 ބިލިއަން ޕައުންޑް ވަންނާނެ ކަމަށްވެސް މި މަޝްރޫއާ ހަވާލުވެފައިވާ ނޯމަން ފޮސްޓަރ އިން ވަނީ ބުނެފައެވެ.
1910 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑްގެ ދަނޑުގެ ގޮތުގައި އޯލްޑް ޓްރެފަޑް ބޭނުންކުރަމުންދާއިރު، އަލަށް ގާއިމުކުރެވޭ ދަނޑާއެކު އެކަން ބަދަލުވެގެންދާނެއެވެ.
ޔުނައިޓެޑުން މިފަދަ ބޮޑު މަޝްރޫއެއް އިއުލާންކުރިއިރު ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ކުލަބަށް ވަނީ 1 ބިލިއަން ޕައުންޑް ގެއްލުންވެފައެވެ. އަދި މިދިޔަ ހަފުތާގައި އެ ކްލަބުން ވަނީ އިތުރު 250 މީހުންގެ ވަޒީފާ މަދުކުރުމަށް ނިންމާފައެވެ.
ޔުނައިޓެޑުން މި މަޝްރޫއު އިއުލާންކުރިއިރު، މިދިޔަ ހަފްތާގައި އެ ކްލަބުގެ ވެރިންނާއި ދެކޮޅަށް ސަޕޯޓަރުން ވަނީ މުޒާހަރާއެއް ކޮށްފައެވެ.