އޭއެފްސީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އިރާނުގެ އިސްތިގުލާލްއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އަލް ނަސްރުން ހޯދައިފިއެވެ.
މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި މިދިޔަ ހަފްތާގައި އިރާނުގެ ވެރިރަށް ތެހެރާނުގައި ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ.
ސައުދި އަރަބިއްޔާގެ ރިޔާދުގައި ރޭ ކުޅުނު މެޗުގެ ނުވަވަނަ މިނިޓުގައި އަލް ނަސްރުގެ ޖޯން ދުރާން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި އަލް ނަސްރު އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 27 ވަނަ މިނިޓުގައި ސަޑިއޯ މާނޭ އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން އަލް ނަސްރަށް ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަދި ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އިސްތިގްލާލް އަށް ކުރިމަތިވި އަނެއް މައްސަލައަކީ ދެވަނަ ރީނދޫ ކާޑަކާއެކު އެ ޓީމުގެ މެހްރާން އަހުމަދީ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން މެޗުގެ ބާކީ ބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ.
މި މެޗުގައި އަލް ނަސްރު އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ދުރާން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މުބާރާތުގައި ރޭ ޔޫއޭއީގެ އަލް ވަސަލް އާއި ދެކޮޅަށް ގަތަރުގެ އަލް ސާދު ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާޏިޔާޝުކޮށް އަލް ސާދު ވަނީ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.