ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި މައްސަލަ ކުރިއަށްގެންގޮސްފައިވަނީ އަޑު ކަނޑާލައިގެންނެވެ. މި ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ އިބްރާހީމް ރަޝީދު ވަކި ކުރުމުގެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަހެޅުމަށް ވޯޓު ދެއްވާފައެވެ.
އިބްރާހީމް ރަޝީދު ސިވިލް ސަރވިސް ކޮމިޝަނުން ވަކިކުރުމުގެ މައްސަލަ މައިކު ކަނޑާލައިގެން ކުރިއަށްގެންދިއުމުން އެ މަސައްކަތް ފަށަން ނިންމި ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މި މައްސަލަ ބެލުމަށް ކޮމިޓީން ފޮނުވާފައިވާ ސިޓީ މާދަމާގެ ޖަލްސާގައި ރިޔާސަތުން ތަޅުމުގައި އިއްވާނެއެވެ. އެއަށްފަހު އެ މައްސަލަ ދިރާސާ ކުރުމަށް އަލުން ކޮމިޓީއަށް ފޮނުވާނެއެވެ.
މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުގައި މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާމެދު ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށިކަމަށް ފާސްކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ. އަދި ރިޔާސަތުން އެ މަސައްކަތް ތަޅުމުގައި އިޢުލަންކޮށް އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާނެއެވެ.
ސިވިލް ސާރވިސް ކޮމިޝަނުގެ މެންބަރިކަމަށް އިބްރާހީމް ރަޝީދު އައްޔަންކުރައްވަފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.