ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާ ވަޞީލަތްތަކާއި އެކަމަށް ބޭނުންވާ އިމާރާތްތައް 32 ރަށެއްގައި އެޅުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކޮށްފިއެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި ވެމްކޯއާ ދެމެދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
32 ރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ ސެންޓަރާއި ވަސީލަތް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ކުނި މެނޭޖްކުރަން ބޭނުންވާ ވަޞީލަތްތަކާއި މަރުކަޒުތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތަށް އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އޭރުން މަސައްކަތްތައް އަވަހަށް ކުރިއަށްގެންގޮސް ނިންމުމަށް ފަސޭހަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި އަހަރު ނިމުމުގެކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް އެކަށޭނަ ނިޒާމެއް ހުރިހާ ރަށެއްގައި ޤާއިމުކުރުމަށްޓަކައި ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޖުމްލަ 128 ރަށުގައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
"މިހާރު މި ސޮއިކުރެވުނު 32 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަޞީލަތް ޤާއިމްކުރުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރަށްރަށް ހިމެނޭ ސަރަހައްދުގައި ޤާއިމުވެގެން ތިބޭ ވެމްކޯގެ މުވައްޒަފުން ކަމަށެވެ. އެހެންކަމުން ބޭރުގެ ބަޔަކަށް މަސައްކަތް ހަވާލުކުރަން ނުޖެހި، ޚަރަދު ކުޑަކޮށް މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް މުޖްތަބާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުނި މެނޭޖްކުރަން އިމާރާތްތައްވެސް މި ހަދަނީ. އެހެންވީމަ އަޅުގަނޑުމެންގެ މުވައްޒަފުންނަށް އެނގޭނެ އެ ރަށެއްގައި ކުނި މެނޭޖްކުރަން އެންމެ ފަސޭހަ ތަނަވަސް ގޮތަށް އިމާރާތް ހަދަން. އަދި އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަން." މުޖްތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އަރބަން ސެންޓަރުތައް ޤާއިމްކުރާ ހުރިހާ ރަށަކާއި އަތޮޅު ވެރިކަންކުރާ ހުރިހާ ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށުން ކަމަށެވެ.
މަސައްކަތް ހަވާލުކުރި 32 ރަށުގެ އިތުރުން 2 ރަށެއްގެ މަސައްކަތް މިދިޔަ މަހުވެސް ވެމްކޯއާ ހަވާލުކޮށްފައިވެއެވެ. މި އާއެކު 34 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ ކުރިން ޤާއިމުކޮށްފައިވާ ފެސިލިޓީތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. މި މަސައްކަތުގެ ދަށުން 21 ރަށުގައި އައު ޢިމާރާތެއް އަޅާނެއެވެ. ބާކީ ހުރި ރަށްރަށުގައި ކުރިއަށްދާނީ އަޕްގްރޭޑިންގެ މަސައްކަތެވެ.
• ހއ. ދިއްދޫ
• ހއ. ހޯރަފުށި
• ހއ. އިހަވަންދޫ
• ހއ. ވަށަފަރު
• ހދ. ކުޅުދުށްފުށި
• ކ. ދިއްފުށި
• ކ. ގާފަރު
• ކ. ގުޅި
• މ. މަޑުއްވަރި
• މ. ނާލާފުށި
• މ. ރަތްމަންދޫ
• މ. ވޭވަށް
• ފ. ބިލެއްދޫ
• ފ. ދަރަބޫނދޫ
• ފ. ފިއަލި
• ތ. ދިޔަމިގިލި
• ތ. ގާދިއްފުށި
• ތ. ހިރިލަންދޫ
• ތ. ކަނޑޫދޫ
• ތ. ވޭމަންޑޫ
• ތ. ވިލުފުށި
• ލ. ހިތަދޫ
• ލ. އިސްދޫ
• ލ. ކަލައިދޫ
• ލ. ކުނަހަންދޫ
• ލ. މާބައިދޫ
• ލ. މާމެންދޫ
• ލ. މާވަށް
• ލ. މުންޑޫ
• ގދ. ތިނަދޫ
• ޏ. ފުވައްމުލައް
• ސ. ހުޅުމީދޫ
• ދ. ހުޅުދެލި
• ދ. މީދޫ
ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި މި މަސައްކަތް ހުރިހާ ރަށެއްގައި ނިންމާލުމަށެވެ.