ޚަބަރު

ފިއޮރެންޓީނާ ބަލިކޮށް ނާޕޮލީން ފަރަގު ކުޑަކޮށްފި


އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި އޮތް އިންޓަރ މިލާނާ ދެމެދުގައިވާ ފަރަގު ޕޮއިންޓަކަށް ނާޕޮލީން ކުޑަކޮށްފިއެވެ.

މި ނަތީޖާ އާއިއެކު ނާޕޮލީއަށް ވަނީ 60 ޕޮއިންޓާއެކު ދެވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް އިންޓަރ މިލާނަށް 61 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓަލާންޓާއަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ޔުވެންޓަސްއަށް 52 ޕޮއިންޓް ލިބިފައިވާއިރު، މަޝްހޫރު އޭސީ މިލާނަށް ލިބިފައިވާ 44 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގައެވެ.

ނާޕޮލީގެ ދަނޑުގައި ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި ރޮމެލޫ ލުކަކޫ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ބޯޅައެއް ރިބައުންސް ވެގެން ނުކުތް ވަގުތު ދެވަނަ ފަހަރަށް ގޯލަށް ފޮނުވާލައިގެންނެވެ.

އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ނާޕޮލީން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 15 ވަނަ މިނިޓުގައި އެ ޓީމުގެ ޖިއަކޮމޯ ރަސްޕަޑޯރީ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މި މެޗުގައި ފިއޮރެންޓީނާން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި އަލްބަރޓް ގުޑްމުންޑްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ފިއޮރެންޓީނާ ބަލިވުމާއެކު އެ ޓީމުން ވަނީ ލީގުގައި ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެމްޕޯލީ އަތުން ރޯމާ ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން އެޓަލާންޓާ މޮޅުވެފައިވާއިރު، އިންޓަރ މިލާން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮންޒާ ބަލިކޮށްފައެވެ.