އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ހަތަރުވަނަ މަގާމު ޗެލްސީން ހޯދައިފިއެވެ.
މި މެޗުން މޮޅުވުމާއެކު ޗެލްސީއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން 49 ޕޮއިންޓާއެކު ހަތަރުވަނަ ލިބިފަ އެވެ. ލެސްޓަރ ސިޓީއަށް ލިބިފައިވާ 17 ޕޮއިންޓާއެކު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ ލެސްޓަރ ސިޓީގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފަ އެވެ.
މެޗުގެ 22 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ނަގަން ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ އެކަން ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ލެސްޓަރގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖޭޑަން ސަންޗޯ އަށް ފައުލް ކުރުމާއި ގުޅިގެން ޗެލްސީއަށް ލިބުނު ޕެނަލްޓީ ކޯލް ޕާމާ ފޮނުވާލިއިރު ލެސްޓަރ ސިޓީގެ ކީޕަރު ވަނީ ޕެނަލްޓީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްފަ އެވެ. މިއީ ކޯލް ޕާމާ މިހާތަނަށް ޖެހި 13 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވި ހަމައެކަނި ޕެނަލްޓީ އެވެ.
ލެސްޓަރ ސިޓީއިން ފުރަތަމަ ހާފުގެ ފަހުކޮޅު އެ ޓީމުގެ ކުޅުން ރަގަޅުކޮށް ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ވަނީ ފޮނުވާލާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދީފައިވަނީ މާކް ކުކުރެޔާ އެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ތިރިތިރިން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ. އަދި ޗެލްސީ އެންމެ ފަހުން ސައުތެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުކުރެޔާ ވަނީ ލަނޑެއް ޖަހާފަ އެވެ.