ކުޅިވަރު

ކަށިން ހިތްވަރު ނެރެންވީ ވަގުތު މި އޮތީ ޖެހިފައި: ގާޑިއޯލާ


ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެކަން ހާސިލުކުރަން ބޭނުންނަމަ ބޮޑެތި ބަދަލުތަކެއް ކުޅުމަށް ގެންނަންޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. ގާޑިއޯލާ މިހެން ބުނަފައިވަނީ ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ނޮޓިންހަމް ފޮރެސްޓާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން ސިޓީ ބަލިވި މެޗަށްފަހުއެވެ.

މިއީ އަނިޔާގެ ސަބަބުން ސިޓީގެ މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅެން ޖެހުނު މެޗެކެވެ. އޭގެ ތެރޭގައި ދުނިޔޭގެ މޮޅުން ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑު ހާސިލުކޮށްފައިވާ ހުނަރުވެރި ކުޅުންތެރިޔާ ރޮޑްރީ އާއި، ޓީމުގެ ދިފާއުގައި ބޮޑު ދައުރެއް އަދާކުރާ ކުޅުންތެރިން ކަމަށްވާ ޖޯން ސްޓޯންސް އާއި، މެނުއެލް އަކަންޖީ އަދި ނޭތަން އާކޭ ހިމެނެއެވެ.

"މެޗުތަކުން މޮޅުވާން އެބަޖެހޭ. ފުލުފުލުގައި މޮޅުތަކެއް ހޯދައިގެން ނޫނީ ދެން ސަލާމަތެއް ނުވާނެ. އަނެއްކާ އެކަން ކުރުމަކީ ފަސޭހަކަމަކަށްވެސް ނުވާނެ. ބާކީ ދެން މިއޮތީ އެންމެ ދިހަ މެޗު. ޗެމްޕިއަންސްލީގަށް ކޮލިފައިވާން ބޭނުންނަމަ މޮޅުވުން ނޫން އިތުރުގޮތެއް ނެތް. މިކަން ކުރަންޖެހޭނެ ވާހަކަ ދުލުން ބުނެލަން ފަސޭހަ ވިޔަސް ހަގީގަތުގައި ކުރަންވީމަ މިއީ ވަރަށް އުނދަގޫކަމެއް" ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން ގާޑިއޯލާ ބުނީ މޮޅަށް ކުޅެން ބޭނުންނަމަ ކޮންމެވެސް އައު ގޮތެއް ހޯދަން ޖެހިއްޖެ ކަމަށާއި، އަމާޒަށް ވާސިލުވުމަކީ މިހާލަތުގައި ދަތިކަމަކަށް ވާނެކަން ގަބޫލުކުރާ ކަމަށެވެ. މިހާރު މިއޮތީ ކަށިން ހިތްވަރު ނެރެގެން ނަމަވެސް ޗެމްޕިއަންސް ލީގަށް ކޮލިފައި ވާންޖެހިފަކަމަށް ގާޑިއޯލާ ތަކުރާރުކޮށް ބުންޏެވެ.

"ބާކީ މިއޮތީ އެންމެ ދިހަ މެޗު. މިއޮތީ ޓީމު އޮތް ހާލަތު. އަނެއްކޮޅުން ކުރިއަށް މިއޮތީ ހޮނިހިރު ދުވަހު ބްރައިޓަންއާއި ބައްދަލުކުރާ މެޗު. ހިނގާ ބަލަމާ ވާގޮތެއް" ޓީމުގެ މުހިންމު ކުޅުންތެރިކަކަށް އަނިޔާވެފައިވާތީ އެކަމާ ގުޅިގެން ގާޑިއޯލާ ބުންޏެވެ.

ފޮރެސްޓް އަތުން ބަލިވި މެޗާއި ބެހޭގޮތުން ގާޑިއޯލާ ބުނީ އެއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ފެނުނީ ލަސްކުޅުމެއް ކަމަށެވެ. ޓީމުން ގޯލު ޖަހާނެ ފުރުސަތުތަކެއްވެސް ތަނަވަސްކުރެވިފައިނުވާކަން ފާހަގަކުރަމުން ގާޑިއޯލާ ބުނީ ފޮރެސްޓްގެ ޑިފެންސަށް ސާބަސް ހައްގުވާ ކަމަށެވެ.

ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގައި ސިޓީ މި ވަގުތު އޮތީ 47 ޕޮއިންޓާއެކު ފަސްވަނައިގައެވެ. 28 މެޗު ކުޅެ 51 ޕޮއިންޓާއެކު ތިންވަނަ ފޮރެސްޓުން ހޯދާފައިވާއިރު، އެ ޓީމު އަންނަނީ ލީގުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ހޯދަމުންނެވެ.