އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ހަވަނަ މަގާމު ބްރައިޓަންއިން ހޯދައިފިއެވެ.
މި މެޗުން ބްރައިޓަން މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން ލިބިފައިވާ 46 ޕޮއިންޓާއެކު ތާވަލުގެ ހަވަނައަށް އަރާފަ އެވެ. ފުލަމް އަށް ލިބިފައިވާ 42 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.
ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު ބްރައިޓަން އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
ނަމަވެސް މެޗުގެ 35 ވަނަ މިނިޓުގައި ފުލަމްގެ ރައުލް ޖިމިނޭޒް ވަނީ އޭނާއަށް ލިބުނު ބޯޅައެއް މެއިން މަތަ ކުރުމަށްފަހު ވަރަށް ރީއްޗަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ފުލަމް އިން ލަނޑު ޖަހާ ކުރި ހޯދިތާ ހަ މިނިޓު ފަހުން ބްރައިޓަންގެ ޖޭން ޕައުލް ވެން ހެކޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި މިދިޔަ އާދީއްތަ ދުވަހު މި ދެ ޓީމުންވެސް 120 މިނިޓުގެ މެޗު ކުޅެފައިވާއިރު މި މެޗުގައި ވަނީ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަމުގެ އިހުސާސް ކުރެވޭތަން ފެނިފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ބްރައިޓަންގެ ކުޅުން އިތުރަށް ވަރުގަދަކޮށް އެ ޓީމުން ވަނީ ފުލަމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ފުލަމްގެ ގޯލަށް ދެ ފަހަރެއްގެ މަތިން ބޯލަ ފޮނުވާލި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑުކަމަށް ނިންމާފަ އެވެ.
މި މެޗުގައި ފުލަމް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ބްރެޒިލްގެ ޖޮއާއޯ ޕެޑްރޯ އެވެ.
މި ދެ ޓީމު އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބްރައިޓަން އަތުން ފުލަމް ބަލިވެފައެއް ނުވެއެވެ.