ޚަބަރު

ވެޓެރަންސް ލީގު: ފަހު މިނެޓުގައި ޖެހި ލަނޑާއެކު ދަ ގްރާންޑޭ ގްރޫޕުގެ އެއްވަނައަށް


އެފްއޭއެމް ވެޓަރަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، ގްރޫޕް ބީގެ އެއްވަނައަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

ޕޮލިސް ކްލަބާއި ބައްދަލުކުރި މިމެޗު ދަ ގްރާންޑޭ ކާމިޔާބުކުރީ 2-1 ންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީވެސް ދަ ގްރާންޑޭ، މި ލަނޑު އެޓީމަށް ފުރަތަމަ ހާފްގެ މެދު ތެރެއިން ކާމިޔާބުކޮށްދިނީ ފޯވާޑް ޝައައިބް ޒާހިރެވެ. އެހެންނަމަވެސް މި ލަނޑަކީ ޕޮލިސް ކްލަބްގެ ގޯލްކީޕަރު އަހުމަދު ފަޔާޒަށް ހެދުނު މިސްޓޭކަކުން ވަތް ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފްގައި ޕޮލިސް ކްލަބުން ކުޅުން ރަނގަޅުކޮށް އެޓޭކްތަކެއް ތަނަވަސްކުރިނަމަވެސް ދަ ގްރާންޑޭގެ ގޯލަށް ނުރައްކާ ކުރާވަރު މާ ގިނަ ހަމަލާއެއް ފޮނުވާލެވޭ ގޮތް ވަނީ ނުވެފައެވެ. އަދި ޕޮލިސް ކްލަބަށް މެޗުގައި ނަތީޖާ ހަމަ ހަމަކޮށްދިނީ ޑިފެންސް ފަހަތަށް އަހުމަދު ޝާން ކުޅެލި ބޯޅައިން އާދަމް ނަސީމްއެވެ.

މިމުބާރާތުގެ ދަ ގްރާންޑޭ ކުޅުނު ދެވަނަ މެޗުވެސް އެއްވަރު ވެގެން ނިމެންދަނިކޮށް ދެވަނަ ފަހަރަށް އެޓީމަށް ލީޑު ނަގައިދިނީ މުހައްމަދު ޝަހީމްއެވެ. މިއީ މެޗުގެ އެންމެ ފަހު މިނެޓުގައި މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދު އިބްރާހިމް ސުނީޒް ދިން ޕާހަކުން ޝަހީމް ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު ކާމިޔާބުކުރުމުގައި ޓީމުގެ މެދުތެރެއަށް ކުޅެމުންދިޔަ ކުރީގެ ޑިފެންޑަރ އަހުމަދު އަޝްފާން އަޝްކޮގެ ދައުރުވެސް ފާހަގަކޮށްލަންޖެހެއެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ދަ ގްރާންޑޭގެ ފަހަތުން މުހިއްމު ދައުރެއް އަދާކުރި ޓީމުގެ ކެޕްޓަން އަހުމަދު ފަޒީމްއެވެ.

ކުޅުނު 2 މެޗުން 4 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނާގައި ދަ ގްރާންޑޭ އޮތްއިރު މި ގްރޫޕްގައި ދެން ހުރިހާ ޓީމެއްވެސް އަދި ކުޅެފައިވަނީ އެންމެ މެޗެކެވެ.

ފުރަތަމަ މެޗުގައި ކްލަބް އީގަލްސް ބަލިކޮށް ސްޓެލްކޯ 3 ޕޮއިންޓް ހޯދިއިރު މުއިވެޔޮ ފްރެންޑްސް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި އީގަލްސް އާއެކު ޕޮލިސް ކްލަބް ކުޅުނު ފުރަތަމަ މެޗުން ބަލިވެ އޮތީ ގްރޫޕްގެ ފުލުގައެވެ.