ޚަބަރު

މާލޭގެ ހުރިހާ ކާނުތައް ސާފުކުރުމުގެ މަސައްކަތް 6 މަސް ދުވަސްތެރޭ ނިމޭނެ: ވަޒީރު އާދަމް ޝަރީފް


  • ކާނުތައް ސާފުކުރުން ކުރިއަށްގެންދަނީ ސިޓީތަކާ ބެހޭ ވުޒާރާއިން

  • މަސައްކަތް ފެށީ އެކަށީގެންވާ މިންވަރަށް ކާނުތަކުން ފެން ނުހިނދޭތީ

މާލޭގެ ހުރިހާ ކާނުތައް ސާފުކުރުމުގެ މަސައްކަތް 6 މަސް ދުވަސްތެރޭ ނިންމާލެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.

ކާނު ސާފުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުން ފާހަގަވެގެންދިޔައީ އެކަށީގެންވާ މިންވަރަށް ކާނުތަކުން ފެން ނުހިދޭކަން ކަމަށެވެ. މިކަމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތަށް ދަތިތައް ދިމާވެ، ރައްޔިތުންނަށްވެސް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުރަތަމަ އިސްކަންދޭނީ ބޮޑެތި މަގުތަކާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފުކުރުމަށް ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރިއަށްގެންދަނީ ދިވެހި ފުލުހުންނާ ވެސް ގުޅިގެން. ސާފުކުރާ ސަރަހައްދުގައި 24 ގަޑިއިރު ކުރިން ކޯނުތައް ޖަހަން ޖެހޭތީވެ." ވަޒީރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ފެންބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކާނުތައް ބެދި ފެން ނުހިނދުމެވެ. ގިނަ މަގުތަކުގެ ކާނުތައް ކުނިބުނިން ފުރިބާރުވެ ފެން ނުހިނދެއެވެ.

ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު މައްސަލަ ހައްލުކުރަނީ ސިފައިންނާއި ފުލުހުންނާއި ސިޓީތަކާ ބެހޭ ވުޒާރާގެ އާންމު މަސައްކަތްތަކާބެހޭ ޔުނިޓުގެ މުވައްޒަފުން ނިކުމެ ފެން ހިންދުމުގެ މަސައްކަތް ކޮށްގެންނެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުން ހިމެނޭހެން މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެގޮތަށް ޒަމާނީ ފެންވަރަށް މަގުތަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏަކުންނެވެ.