ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރޭންޖާސް ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލު ދިގުވުމުން ފެނަބާޗޭގެ ކޯޗު ޖޯސޭ މޮރީނިއޯއަށް ނިދިއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަފާތު ކަންތައްތަކެއް ކުރަމުންދާ މޮރީނިއޯ ބުނެފައިވަނީ ރޭންޖާރސް އާއި ދެކޮޅަށް ފެނަބާޗޭ ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ފެނަބާޗޭ ބަލިވި މެޗަށްފަހު އެފަދަ ދިގު ސުވާލުތަކަކާއި ކުރިމަތިލާން ޖެހުމުން އެކަމާއިމެދު މޮރީނިއޯ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ މި މެޗުން އޭނާގެ ޓީމު ބަލިވެފައިވަނީ ޓީމުގެ ހުރިހާ ދިމާލަކަށްވެސް ނުކުޅެމުގެ ސަބަބުން ކަމަށާއި ހަމައެކަނި ޑިފެންސް ލައިން ގޯހެކޭ ބުނަން ބޭނުންނުވާ ކަމަށެވެ.
"މި މެޗުން ބަލިވީ މުޅި ޓީމަށް ނުކުޅެވިގެން ވަކި ޑިފެންސްލައިންގެ ކުޅުން ދަށް ވުމުގެ ސަބަބަކުން ނޫން. ފަހަރެއްގައި ނޫސްވެރިން ހިނިވެސް އައިސްދާނެ އަހަންނަށް މި ނަތީޖާ ރަގަޅު. ސަބަބަކީ މި މެޗުގައި ފެނިގެންދިޔަ ކުޅުމަށް ބަލާއިރު އިދިކޮޅު ޓީމަށް ތިން ލަނޑަށްވުރެ ގިނަ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު. އެހެންވީމަ މިއީ ރަގަޅު ނަތީޖާއެއް." މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ އިތުރަށް ބުނެފައިވަނީ މި މެޗުން ރޭންޖާރސް މޮޅުވި ނަމަވެސް އެ ޓީމަށް އަދި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރު ނުވާ ކަމަށާއި އަދި އެހާބޮޑަށް އުފާފާޅުކުރަން އަވަސް ކަމަށެވެ.
"މި މެޗުގައި އަދި ކުރިއަށް އެބައޮތް 90 ނުވަތަ 120 މިނިޓުގެ ކުޅުން. މި މެޗުގައި އަހަރެމެންނަށް ހުރިހާ ކަމެއްވެސް ދިޔައީ ގޯސްކޮށް. ރޭންޖާރސް އަށް އަހަރެން ބުނެލަން އޮތް ހަމައެކަނި ވާހަކައަކީ އުފާފާޅުކުރަން އަދި މާ އަވަސްކަމަށް." މޮރީނިއޯ އިތުރަށް ބުންޏެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ ރޭންޖާރސްގެ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހު އެވެ.