ކުޅިވަރު

ލެބްރޮން ޖޭމްސްތަ ނޫނީ މައިކަލް ޖޯޑަންތަ؟


ކޮންމެ ކުޅިވަރެއްގައިވެސް އެންމެ މޮޅު ކުޅުންތެރިއާގެ ބަހުސަކީ އެކުޅިވަރު ބަލާ މީހުންގެ ތެރޭގައި އަބަދުވެސް ބަހުސްކުރެވެމުންދާ މައުޟޫއެކެވެ. އެކުޅިވަރެއްގެ ތާރީޚުގައިވެސް ފެނުނު އެންމެ މޮޅު ކުޅުންތެރިއާ ނުވަތަ (ގޯޓް) ގެ ލަގަބު ދެވޭނީ ކޮންމެސް އެއް ކުޅުންތެރިއަކަށެވެ.

ފުޓްބޯޅައިގައި މިހާރު މި ބަހުސް ކުރެވެމުންދަނީ ރޮނާލްޑޯ އާއި މެސީގެ މެދުގައެވެ. ކުރިން މަރަޑޯނާ އާއި ޕެލޭގެ މެދުގައެވެ. އެހެން ކުޅިވަރުތަކަށް ބަލާލާނަމަ ޓެނިހުގައި ފެޑެރަރ އާއި ނަޑާލް އަދި ޖޮކޮވިޗްގެ މެދުގައެވެ. ބޮކްސިންގައި މުހައްމަދު އަލީއަކީ ގޯޓް ކަމަށް ދެކޭ މީހުން ގިނަ ނަމަވެސް ފްލޮއިޑް މޭވެދާ އާއި މައިކް ޓައިސަން އަކީ ގޯޓްގެ ގޮތުގައި ދެކޭ މީހުންވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައަކީ ބާސްކެޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ ވާހަކައެވެ. ގިނަ ބަޔަކު އަދިވެސް ގަބޫލްކުރަނީ ކުރީގެ ތަރި މައިކަލް ޖޯޑަންއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އެހެންނަމަވެސް އެގޮތައް ދެކޭ މީހުންގެ ތެރޭގައި ގިނައީ ކުރީގެ ކުޅުންތެރިންނާއި ޖޯޑަން ކުޅުނުތަން ދެކުނު މީހުންނެވެ. ފަހުގެ ޖެނެރޭޝަންގެ ގިނަ ސަޕޯޓަރުން ގަބޫލްކުރަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ދޭންޖެހޭނީ މިހާރުވެސް އެންމެ މަތީ ފަންތީގައި ކުޅެމުންދާ ލެބްރޯން ޖޭމްސްއަށް ކަމަށެވެ.

މިބަހުސް އިތުރަށް ހޫނުވެގެން ގޮސްފައިވަނީ ލެބްރޮން ޖޭމްސްގެ ކެރިއަރުގައި ފަންސާސް ހާސް ޕޮއިންޓް ހަމަކޮށް އެން.ބީ.އޭގައި އެންމެ ގިނަ ޕޮއިންޓް އަޅާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ކުރިން ފަރަގު އިތުރަށް ބޮޑުކޮށްލި ހިސާބުންނެވެ.

މިއީ އެން.ބީ.އޭގައި ލެބްރޮން ކުޅޭ 22 ވަނަ ސީޒަނެވެ. 2003 ވަނަ އަހަރު އެންބީއޭގައި ކުޅެން ފެށިފަހުން މިއަދާހަމައަށްވެސް ލެބްރޯން ފާހަގަކޮށްލަން ޖެހެނީ ލީގުގައި ކުޅޭ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައެވެ. އަދި ޕޮއިންޓް ރެކޯޑަކީ އެހެން ކުޅުންތެރިއަކަށް ދުވަހަކުވެސް ދެން މުގުރާލެވޭނެ ވަރުގެ ރެކޯޑެއް ނޫންކަމަށް މި ކުޅިވަރު ބަލާ ގިނަ ފަރާތްތަކުން އެއްބަސްވެއެވެ.

ލޫކާ ޑޮންޗިޗް ލޭކާސް އާއި ގުޅުނު ހިސާބުން ލެބްރޯންގެ ކުޅުން އިތުރަށް ރަނގަޅުވެފައިވާ އިރު އޭނާ ވަނީ ފްބްރުއަރީ މަހުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ. އަދި މި ސީޒަނުގައި ލެބްރޮންގެ ލޭކާސް ޓީމުން މިފަހަރުގެ އެން.ބީ.އޭ ތަށި ކާމިޔާބުކުރެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޖޯޑަންއަކީ ގޯޓް ކަމަށް ދެކޭ މީހުންގެ ހިޔާލު ބަދަލުކުރުމަކީ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް އެންމެ ގިނަދުވަސް ވަންދެން އެންމެ މަތީ ފަންތީގައި ކުޅެ އެހެން ކުޅުންތެރިއަކަށް މުގުރާނުލެވޭނެ އެތައް ރެކޯޑެއް މިހާރުވެސް ގާއިމްކުރަމުންދާ ލެބްރޮން ޖޭމްސްއަކީ ބާސްކެޓްބޯޅައިގެ ގޯޓެކެވެ.