ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅެންޖެހޭ ފަހު މެޗުގައި ހަމައެކަނި ދިފާއުކޮށްގެން މޮޅު ނުވެވޭނެ ކަމަށް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފިއެވެ.
އޭނާ މިހެން ބުނީ ޕީއެސްޖީގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ވަރަށް ހަނި ގޮތަކަށް 1-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗަށް ފަހު އެވެ. މި މެޗުގައި ލިވަޕޫލަށްވުރެ ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނީ ޕީއެސްޖީ އެވެ. ލިވަޕޫލަށް ގިނަ ވަގުތު ޖެހުނީ ޕީއެސްޖީގެ ހަމަލާތަކުގެ ވަރުގަދަ ކަމާހުރެ ފަހަތުގައިތިބެ ދިފާއު ކުރާށެވެ. އެ ޓީމުން އުފެއްދި ނުރައްކާތެރި ހުރިހާ ހަމަލާއެއްހެން ހުށިޔާރުކަމާއެކު ދިފާއު ކުރީ ގޯލްކީޕަރު އަލިސަން ބެކާ އެވެ. މެޗަށް ފަހު އަލިސަން ވެސް ބުނީ މިއީ އޭނާގެ ހަނދާނުން ނުފިލާނެހާ ގިނަ ސޭވް ކުރެވުނު މެޗެއް ކަމަށެވެ.
ކެޕްޓަން ވެން ޑައިކް މެޗަށް ފަހު ބުނީ އަންނަ ހަފުތާގައި ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅޭއިރު ހަމައެކަނި ދިފާއުކުރަން ވިސްނައިގެން ނުވާނެ ކަމަށެވެ.
"ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް މުހިންމު މީހެއް. ކޮންމެ މީހަކު ވެސް ބަލަންވީ އެމީހެއްގެ ވަގުތުގައި މޮޅަށް ކުޅެން. އަހަރެން އެންމެ އުފާވަނީ ޕީއެސްޖީ އަތުން އެހާ ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް ޑްރޯއަކުން ސަލާމަތްވެ މޮޅުވެވުނީ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށްވާތީވެ،" ވެންޑައިކް ބުންޏެވެ.
އިނގިރޭސި ޕްރެމިއާ ލީގުގެ ކުރީގައި އޮތް ޓީމުގެ ކެޕްޓަން ބުނީ ޗެމްޕިއަންސް ލީގުގައި ކުޅެންޖެހެނީ ވަރުގަދަ ޓީމުތަކާކަން އެއްގޮތަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން އެހެން ޓީމުތަކުގައި ވެސް އެތިބީ. އެމީހުން ވަރަށް މޮޅަށް ކުޅުނު އަހަރުމެންނާ ދެކޮޅަށް. އެކަން އެމީހުން ތަޖުރާރުކުރާނެ ކަމަށް ބަލަންޖެހޭނެ ދެން އަންނަ މެޗުގައި ވެސް. ޕީއެސްޖީ އަކީ ބަލިނުވެ ވަރަށް ގިނަ ދުވަހު ކުޅެފައިވާ ވަރަށް ވަރުގަދަ ޓީމެއް. މޮޅު ކުޅުންތެރިން ވަރަށް ގިނަ ޓީމެއް އެއީ،" ވެންޑައިކް ބުންޏެވެ.
އޭނާ އަދި ބުނީ ސީޒަނުގެ ފަހު ބަޔަކަށް އެޅުނުއިރު ލިވަޕޫލްގެ ކޮންމެ ކުޅުންތެރިއަކު ވެސް އެމީހެއްގެ ބެސްޓް ދައްކަން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އެހެންނޫނީ އަނެއްކާ ވެސް ނާކާމިޔާބު ސީޒަނެއް ކުރިމަތިވެދާނެ ކަމަށެވެ.