ކުޅިވަރު

"ނޭމާ ގައުމީ ޓީމަށް ނެގީ ފޯމު ރަނގަޅުވުމުން"


މަޝްހޫރު ފޯވާޑް އަދި ކުރީގެ ކެޕްޓަން ނޭމާ ދޮޅު އަހަރު ފަހުން އަލުން ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނީ އޭނާ މިހާރު ދައްކާ ކުޅުމާއި، ހުރި ފޯމު ރަނގަޅުވުމުން ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ. ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހު ނޭމާ ގިނައިން އުޅުނީ އަނިޔާ އާއި ފިޓްނަސްގެ މައްސަލަތަކާހުރެ ކުޅުމުން ބޭރުގަ އެވެ.

ހާއްސަކޮށް ދަނޑުބޭރުގެ ގިނަ މައްސަލަތަކެއް އޭނާ އަށް ކުރިމަތިވި އެވެ. ނަމަވެސް އަލުން އޭނާ ޓީމަށް މި ނެގީ މިދިޔަ ނޮވެމްބަރު މަހު ބްރެޒިލްގެ ސަންޓޯސް އަށް ބަދަލުވެ ކުޅުން ރަނގަޅު ކުރަމުން ދަނިކޮށެވެ. އެ ޓީމަށް ކުޅުނު ހަތް މެޗުގައި އޭނާ ވަނީ ތިން ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ބްރެޒިލްގެ މީޑިއާތަކުން ބުނަނީ ނޭމާ ގައުމީ ޓީމަށް ނެތީ އޭނާގެ ވެސް އެދުމުގެ މަތިން ކަމަށާއި ކޯޗު ޑޯރިވޯލް ޖޫނިއާ ވެސް ނޭމާ ލައްވައި ކުޅުވަން ބޭނުންވާ ކަމަށެވެ. ސަބަބަކީ ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލްގެ އެންމެ ފަހުގެ ނަތީޖާތައް ރަނގަޅުނުވެ ދެކުނު އެމެރިކާ ކޮލިފައިންގެ ޓޭބަލުގެ މެދުތެރެއަށް ވެއްޓުމުން ކަމަށެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނީ މި މަހު ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި ކޮލަމްބިއާއާ ދެކޮޅަށް ކޯޗު ޑޯރިވޯލް ޖޫނިއާ އެކުލަވާލި ސްކޮޑުން ނޭމާ އަށް ޖާގަ ދީފައިވާ ކަމަށެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮންނަނީ ނޭމާ އަތުގަ އެވެ. އޭނާ ވަނީ 128 މެޗުން 79 ގޯލު ޖަހައިފަ އެވެ.

ނަމަވެސް ސައޫދީ އަރަބިއާގެ އަލް ހިލާލްގެ ކުޅުންތެރިއެއްގެ ގޮތުގައި މިދިޔަ ދެ އަހަރު ހުރި ފޯވަޑް މިދިޔަ އަހަރު މުޅިން އުޅުނީ ކަކުލަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމުގައެވެ. އޭނާގެ ކަކޫ ހަލާކުވީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭއާ ދެކޮޅަށް ކުޅެނިކޮށެވެ.