ދެކުނު ކޮރެޔާގެ އަސްކަރީ މަތިންދާބޯޓުތަކަކަށް އޮޅިގެން މީހުން ދިރިއުޅޭ ސަރަޙައްދަކަށް ބޮން އެޅުނު ހާދިސާގައި 15 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ވައިގެ ސިފައިން ބުނެފިއެވެ.
އަސްކަރީ ތަމްރީން ހަރަކާތެއްގެ ތެރެއިން، ދެ މަތިންދާބޯޓަކުން ޖުމްލަ 8 ބޮން ވައްޓާލާފައިވާ ކަމަށާއި، އެ ހާދިސާގައި އެތައް ގެއަކަށާއި ފައްޅިއަކަށް ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ވައިގެ ސިފައިން ބުންޏެވެ.
މި ހާދިސާ ހިނގާފައިވަނީ ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގެ އިރުއުތުރުގައި އޮންނަ ޕޯޚިޔޯންގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީން ހަރަކާތެއްގައެވެ.
ޒަޚަމްވި މީހުންގެ ތެރެއިން ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ކަމާގުޅޭ އިދާރާއިން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ވައިގެ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ގެއްލުން ލިބުނު މީހުންގެ ކިބައިން މަޢާފަށް އެދިފައެވެ.
އެ ހާދިސާ ހިނގަން މެދުވެރިވީ، ޕައިލެޓަށް އޮޅިގެން، ބޮން އަޅަންޖެހޭ ނުބައި މަންޒިލެއް މަތިންދާބޯޓުގެ ސިސްޓަމްތަކަށް އެޅުމުން ކަމަށް އަސްކަރިއްޔާގެ އޮފިޝަލަކު ނަން ނުޖަހަން ޝަރުތުކޮށް ބައެއް ނޫސްތަކަށް ބުންޏެވެ.
އުތުރު ކޮރެޔާ އާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޕޯޚިޔޯންގައި އަސްކަރީ ޙަރަކާތްތައް ވަރަށް ގިނައިން ހިންގައެވެ. އެކަމާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ އާންމުންނަށް ގެއްލުން ވެދާނެކަމަށް ބުނެ ކަންބޮޑުވުންފާޅުކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން އަސްކަރީ ތަމްރީނުތަކުގައި އަސްލު ވަޒަނާއި މިސައިލް ބޭނުންކުރުން މަޑުޖައްސައިލަން އަސްކަރިއްޔާއިން ވަނީ އަންގައިފައެވެ. ނަމަވެސް، އެމެރިކާ އާ ގުޅިގެން އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީނުތައް ކުރިއަށްދާނެ ކަމަށް ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުންޏެވެ.