ޚަބަރު

ގައުމީ ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށަނީ


ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިމަހު ރަށުން ބޭރުގައި ކުޅޭ ދެމެޗަށް ތައްޔާރުވުމުގެ ގޮތުން މިރޭ ފަރިތަކުރުންތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު "ޕީއެސްއެމް ނިއުސް" އަށް ވިދާޅުވީ މިހާރު މަސައްކަތްކުރަމުންދަނީ މިރޭ 21:00 ގައި ގައުމީި ޓީމުގެ ފަރިތަކުރުންތައް ގަލޮޅު ދަނޑުގައި ފެށުމަށް ކަމަށެވެ.

ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ރަށުން ބޭރުގައި ކުޅޭ ދެ މެޗަށް ތައްޔާރުވަމުން އަންނައިރު ފުރަތަމަ މެޗަށް އިންޑިއާއަށް ފުރާނީ މިމަހުގެ 15 ހިސާބުގައެވެ. ގައުމީ ޓީމުން ފުރަތަމަ ކުޅޭނީ އިންޑިއާގެ ޝިލޮންގްގައި އިންޑިއާ އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެއަށްފަހު އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 25 ވަނަ ދުވަހު ގައުމީ ޓީމު ކުޅޭނީ ފިލިޕީންސް އާއި ދެކޮޅަށް ފިލިޕީންސްގައެވެ.

ފަރިތަކުރުންތައް ފެށުމަށް މިރޭ ގައުމީ ޓީމުން ތައްޔާރުވަމުން އަންނައިރު މި އަހަރަކީ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެން ޖެހޭ އަހަރެކެވެ. އެގޮތުން އޭޝިއަންކަޕް ކޮލިފައިންގެ ހަ މެޗެއް ރާއްޖެއިން ކުޅޭނެއެވެ. ފުރަތަމަ ތިން މެޗު ރާއްޖެއިން ކުޅޭނީ ރަށުން ބޭރުގައެވެ. ފިލިޕީންސް މެޗަށްފަހު ރާއްޖޭން ކުޅޭނީ 10 ޖޫންގައި އީސްޓް ޓީމޯ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު އޮންނާނީ 9 އޮކްޓޫބަރުގައި ތަޖަކިސްތާނާއި ދެކޮޅަށް ކުޅޭ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ 14 އޮކްޓޫބަރުގައި ތަޖަކިސްތާނާއި ދެކޮޅަށް ގަލޮޅު ދަނޑުގައެވެ. ދެވަނަ މެޗުގައި 18 ނޮވެމްބަރުގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުމަށްފަހު ގައުމީ ޓީމުން ދެން ނިކުންނާނީ އަންނަ އަހަރުގެ 31 މާރޗްގައި އީސްޓް ޓީމޯ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައެވެ.

އިންޑިއާއި އެކު ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ފުރުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށް އެފްއޭއެމުން ބުނެއެވެ. އިންޑިއާގެ އުތުރުގައި އޮންނަ މެގަލާޔާ ސްޓޭޓްގެ ޝިލޮންގުގެ ޖަވާހިރްލާލް ނެހުރޫ ސްޓޭޑިއަމުގައި މި މެޗު ކުޅުމަށްފަހު މި މަހުގެ 25 ވަނަ ދުވަހު ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމު އެގައުމަށްދާނީ ޝިލޮންގުން ފުރައިގެންނެވެ.

ގައުމީ ޓީމުން އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ އަހަރު ބަނގްލަދޭޝް އާއި އެކު އެގައުމުގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗެވެ.