ޚަބަރު

އަޒަރުބައިޖާނުގައި ރެޑް ކުރޮހުގެ ޙަރަކާތްތައް ހުއްޓައިލަން އަންގައިފި


އަޒަރުބައިޖާނުގައި ހުންނަ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރްސީ)ގެ އިދާރާ ބަންދުކޮށް އެ ޤައުމުގައި ޙަރަކާތްތެރިވުން ހުއްޓާލުމަށް އަޒަރުބައިޖާނުގެ ސަރުކާރުން އަންގާފައިވާ ކަމަށް އައިސީއާރުސީން ބުނެފިއެވެ.

އައިސީއާރުސީގެ ތަރުޖަމާނެއް ކަމަށްވާ އިލަހާ ހުސައިނޯވާ ވިދާޅުވީ އަޒަރުބައިޖާނުގައި ހުންނަ އައިސީއާރުސީގެ އިދާރާ ބަންދު ކުރުމަށް އަޒަރުބައިޖާނުގެ ސަރުކާރުން ނިންމާަފައިވާކަން އެނގިފައިވާ ކަމަށެވެ. އެ ކަމާ ގުޅޭ ގޮތުން އިދާރާތަކާ ވާހަކަ ދައްކަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

އައިސީއާރުސީން އަޒަރުބައިޖާނުގައި ޙަރަކާތްތެރިވާން ފެށީ 1992ވަނަ އަހަރެވެ. އެ ޖަމްޢިއްޔާ އަކީ ނަގޯރްނޯ-ކަރަބަޚްގެ މައްސަލައިގައި 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޙައްޔަރު ކޮށް ބާކޫގެ ޖަލެއްގައި ބަންދުކޮށްފައި ތިބި އަރުމޭނިޔާގެ ކުރީގެ އިސްވެރިންތަކަކާ މުޢާމަލާތު ކުރެވޭ ހަމައެކަނި ޖަމްޢިއްޔާއެެވެ. އޭގެ ތެރެއިން ރޫބެން ވަރްދަންޔަން ދަނީ ފެބްރުވަރީ މަހުގެ މެދުތެރެއިން ފެށިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ. ރޫބެންއާއި ކުރީގެ ސަރުކާރަށް ނިސްބަތްވާ 15 އިސްވެރިންނާއި އަރްމޭނިޔާގެ ޢާންމުންގެ މީހުންނާއި އަސްކަރީ ސިފައިންނާ ދެކޮޅަށް އަޒަރްބައިޖާނުން ވަނީ ނިރުބަވެރިކަމުގެ ދައުވާ އުފުލާފައެވެ. އަޒަރުބައިޖާނުގައި އައިސީއާރުސީން ޙަރަކާތްތެރި ނުވާނަމަ އެ މީހުންގެ ޙާލަތު ބަލައި އެ މީހުންގެ ޚަބަރު ދުނިޔެއަށް ފޯރުކޮށްދޭނެ މަގު ބަންދުވީއެެވެ.

އަޒަރުބައިޖާނުގައި ޙަރަކާތްތެރިވާ އައިސީއާރުސީގެ ވަފްދުގެ މަސައްކަތް ހުއްޓާލުމަށް އެ ޤައުމުން އަންގާފައި މި ވަނީ މިނިވަން މީޑިޔާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ބޭރުގެ މީޑިޔާތަކާއި މަދަނީ ޖަމްޢިއްޔާތަކާ ދެކޮޅަށް އަޒަރުބައިޖާނުގައި ފިއްތުންތައް ކުރިމަތިކުރަމުންދާ ދުވަސްވަރެއްގައެވެ. މިދިޔަ މަހުގެ ތެރޭގައި އެ ޤައުމުގައި ހުންނަ ބީބީސީއާއި ވޮއިސް އޮފް އެމެރިކާގެ އިދާރާތައް ވަނީ ބަންދުކުރަން އަންގައިފައެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލަޑް ޓްރަމްޕް ޙަވާލުވެވަޑައިގަތުމުގެ ކުރިން ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް, ޔޫއެސްއެއިޑް ވެސް ވަނީ އެ ޤައުމުން ބޭރު ކޮށްފައެވެ.