ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ހާވީ އެލިއޮޓް ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.
ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޕީއެސްޖީން ވަނީ މެޗު ކޮންޓްރޯލްކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ.
މި މެޗުގެ 70 އިންސައްތަ ޕީއެސްޖީން ޑޮމިނޭޓް ކޮށްފައިވާއިރު އެ ޓީމުން ވަނީ ލިވަޕޫލްގެ ގޯލަށް 27 ހަމަލައެއް ފޮނުވާލާފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއަށް 9 ހަމަލައެއް ވަނީ ދިފާއުކުރަން ޖެހިފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ކްވީޗާ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
އަދި މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ޑިފެންޑަރ އިބްރާހިމާ ކޮނާޓޭ ޕީއެސްޖީގެ ބްރޭޑްލީ ބާކޯލާއަށް ފައުލް ކުރިކަމަށް ޕީއެސްޖީގެ ކުޅުންތެރިންނާއި އޮފިޝަލުން މައްސަލަ ޖެއްސި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ވަނީ އެއީ ފައުލެއް ނޫން ކަމަށް ނިންމާފަ އެވެ.
ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ވަނީ ދެވަނަ ހާފުގައި އެ ޓީމަށް ހަތަރު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ މެޗުގެ 86 ވަނަ މިނިޓުގައި މުހައްމަދު ސަލާހުގެ ބަދަލުގައި އެލިއޮޓް ކުޅެން އެރުވުމުންނެވެ.
ނަމަވެސް އޭގެ މިނިޓެއް ފަހުން އެލިއޮޓް ވަނީ ޑާވިން ނޫނޭޒް ދިން ބޯޅައަކުން މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފަ އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެން އަރާ ބޯޅައިގައި ޖެހި ފުރަތަމަ ފަހަރުވެސްމެއެވެ.
މި މެޗުން ލިވަޕޫލް މޮޅުވިއިރު މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް މެޗެއް ޑޮމިނޭޓްކޮށް ގިނަ ފުރުސަތުތަކެއް ހޯދި ކްލަބެއް ބަލިވި ފުރަތަމަ ފަހަރެވެ.