ކުޅިވަރު

ދެކުނު އެފްރިކާ ބަލިކޮށް ނިއުޒިލެންޑް ފައިނަލަށް


ދެކުނު އެފްރިކާ 50 ލަނޑުން ބަލިކޮށް ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ފައިނަލަށް ނިއުޒިލެންޑް ދަތުރުކޮށްފިއެވެ.

އަންނަ ހޮނިހިރު ދުވަހު ދުބާއީގައި ކުޅޭ ފައިނަލް މެޗުގައި ނިއުޒިލެންޑާ ދެކޮޅަށް ނުކުންނާނީ އިންޑިޔާ އެވެ. އެ ގައުމު ފައިނަލަށް ދިޔައީ އޮސްޓްރޭލިޔާ ބަލިކޮށްފަ އެވެ.

މުބާރާތް ރަސްމީކޮށް ބާއްވާ ގައުމު ޕާކިސްތާނުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ދެކުނު އެފްރިކާ އަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ ނިއުޒީލޭންޑްގެ ބެޓްސްމަނުން ހިފަހައްޓާލުމަށެވެ. ހާއްސަކޮށް 101 ބޯޅައިން 108 ލަނޑު ހެދި ރަވިންދްރަ އާއި 94 ބޯޅައިން 102 ލަނޑު ހެދި ވިލިއަމްސަންގެ މޮޅު ކުޅުންވީ ދެކުނު އެފްރިކާގެ ބޯލަރުންނަށް ވަރަށް ބޮޑު މައްސަލައަކަށެވެ.

ދެކުނު އެފްރިކާ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ ތިން ވިކެޓްނެގި އެންގިޑީ އެވެ. ނިއުޒީލޭންޑުން އެންމެ ރަނގަޅަށް އުކާފައިވަނީ ތިން ވިކެޓް ނެގި ސަންޓާނާ އެވެ. ދެކުނު އެފްރިކާއިން މި މެޗުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 312 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 67 ބޯޅައިން ނުބައިނުވެ 100 ލަނޑު ހެދި މިލާ އެވެ.

މި މުބާރާތް ޕާކިސްތާނުގައި ބޭއްވި ނަމަވެސް ފައިނަލް މެޗު ކުޅޭނީ ދުބާއީގަ އެވެ. ސަބަބަކީ އެއްކޮޅުން ފައިނަލަށް އިންޑިޔާ ދަތުރުކުރުމެވެ. އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖައްސާފައިވަނީ ދުބާއީގަ އެވެ. ސަބަބަކީ އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ނުފޮނުވަން އިންޑިޔާ ސަރުކާރުން ނިންމާފައިވުމެވެ.