ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ކުލަބު ބްރޫޖާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާއިން ކާމިޔާބުކޮށްފިއެވެ.
ބެލްޖިއަމްގެ ބްރޫޖާ ދެކޮޅަށް އެގައުމުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި އެސްޓަން ވިލާއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދަފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލިއޮން ބެއިލީ އެވެ.
އެސްޓަން ވިލާއިން ލަނޑެއް ޖަހާ ކުރި ހޯދިތާ ދިހަ މިނިޓު ފަހުން ބްރުގާގެ މެކްސިމް މެކްސިމް ޑި ކުއިޕަރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ބްރޫޖުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރުމުގެ ކުރިން އެސްޓަން ވިލާގެ މާކަސް ރަޝްފޯޑް އަށް ވަނީ ލީޑު ފުޅާކުރަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ބްރުގާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 64 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ކޯޗު އުނެއި އެމެރީ ވަނީ ޓީމަށް ހަތަރު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ކަމާރާ އާއި މާކޯ އަސެންސިއޯގެ އިތުރުން ރަމްސޭ އާއި ކޭޝް ވަނީ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލުތަކާއިއެކު އެ ޓީމުން ކުޅުން ވަނީ އިތުރަށް ވަރުގަދަ ވެގެންގޮސްފަ އެވެ.
މި މެޗުގައި އެސްޓަން ވިލާ އަށް ދެވަނަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ 82 ވަނަ މިނިޓުގައި ބްރެންޑަން މެޝޭލް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
އަދި އޭގެ ހަ މިނިޓު ފަހުން ޕެނަލްޓީ އޭރިޔާ ތެރެއިން މެޓީ ކޭޝް އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މާކޯ އަސެންސިއޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އަސެންސިއޯ ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ޗެމްޕިއަންސް ލީގުގައި 10 ލަނޑު ޖަހާފަ އެވެ. މިއަދަދަށް ޗެމްޕިއަންސް ލީގުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ލަނޑު ޖެހިފައެއް ނުވެއެވެ. އަސެންސިއޯ ވަނީ ރެއާލް މެޑްރިޑާއިއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
މީގެ ކުރިން އެސްޓަން ވިލާއިން ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގެ ކުއާޓަރ ފައިނަލުގައި ވާދަކޮށްފައިވަނީ 1982-83 ވަނަ އަހަރުގެ ސީޒަނުގަ އެވެ.