ޚަބަރު

އެހީ ދިނުން ހުއްޓާލި ނަމަވެސް އެމެރިކާއާއެކު ގުޅުން ބަދަހި ކުރަން މަސައްކަތް ކުރާނަން: ޔޫކްރެއިން


އެމެރިކާއާއެކު ގުޅުން ބަދަހި ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ. ޔޫކްރެއިނުން އެހެން ބުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާއިން ޔޫކްރެއިނަށް ދެމުންދިޔަ އަސްކަރީ އެހީތައް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުކަނޑައިލައްވާފައި ވަނިކޮށެވެ.

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގައި ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި އޮތީ އެމެރިކާއެވެ. ފާއިތުވި ތިން އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން ކުރި ހޯދިޔަ ނުދިނުމަށް ޔޫކްރެއިނުން އެންމެ ބޮޑަށް ބަރޯސާ ވެފައި އޮތީ އެެމެރިކާއާއި ވިލާތުން ދެމުންދިޔަ އެހީތެރިކަމުގެ މައްޗަށެވެ. ނަމަވެސް ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގަތުމަށް ފަހު ރަޝިޔާއާއެކު ވަނީ ގުޅުން ބަދަހި ކުރަން ފައްޓަވައިފައެވެ. އޭގެ ސަބަބުން ޔޫކްރެއިނާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ހީނަރުވެ, ޓްރަމްޕާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ބައްދަލު ކުރައްވައި ވަރުގަދަ ބަހުގެ ޙަމަލާތައް ވަނީ ބަދަލު ކުރައްވައިފައެވެ. އެމެރިކާއިން ޔޫކްރެއިނަށް ދެމުން ދިޔަ އެހީތެރިކަމަށް ޔޫކްރެއިނުން ޝުކުރުވެރި ނުވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޒެލެންސްކީއަށް ފާޑު ވިދާޅުވެފައެވެ.

އެމެރިކާގެ ސަރުކާރުން ބުނީ ޓްރަމްޕް ބޭނުންވެލައްވަނީ ސުލްޙަ ޤާއިމް ކުރުމަށް ކަމަށެވެ. އެމެރިކާގެ ބައިވެރިންގެ ވިސްނުން ވެސް ހުންނަން ވާނީ އެ މިސްރާބަަށް ކަމަށާއި އެމެރިކާއިން ޔޫކްރެއިނަށް ދެމުންދާ އަސްކަރީ އެހީތެރިކަމަކީ އެ ލަނޑުދަނޑި ޙާސިލް ކުރުމަށް ދެވޭ އެހީއެއްތޯ ޔަޤީން ކުރުމަށް ޔޫކްރެއިނަށް ދެމުންދިޔަ އެހީ މެދުކަނޑާލާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ބުނެފައެވެ.

ޔޫކްރެއިންގެ ބޮޑުވަޒީރު ޑެނިސް ޝްމީހާލް ވިދާޅުވީ އެމެރިކާއިން ދެމުންދިޔަ އެހީތެރިކަން މެދުކަނޑާލި ނަމަވެސް ކުރީ ސަފުގައި ޙަރަކާތްތެރިވާ ޔޫކްރެއިންގެ ފައުޖަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޤާބިލުކަން އެ ޤައުމަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން ދެމުންދިޔަ އެހީތެރިކަމަކީ މުހިންމު އެހީއެއްކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެމެރިކާއިން ދެމުންދިޔަ އެހީގެ ސަބަބުން އެތައް ބައެެއްގެ ފުރާނަ ސަލާމަތް ކުރެވޭ ކަމަށެވެ. އެހެންކަމުން ޔޫކްރެއިނުން އެމެރިކާއާއެކު އޮންނަ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަހަރެމެން އެމެރިކާއާއެކު މަސައްކަތް ކުރެވެންހުރި ހުރިހާ މަގަކުން މަޑުމައިތިރިކަމާއެކު މަސައްކަތް ކުރާނަން. އަހަރެމެންނަށް އޮތީ އެންމެ ގޮތެއް - އެއީ ކާމިޔާބު ހޯދާ [ޤައުމެެއްގެ ގޮތުގައި] ދެމިތިބުން. އަހަރެމެންނަށް އޮތީ މޮޅުވުން. އެހެންނޫންނަމަ ދެން ކަންތައް ކުރާނެ ގޮތުގެ ޕްލޭން ލިޔާނީ އެހެން ބައެއް,” އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ނިންމުމާ ގުޅޭގޮތުން މިހާތަނަށް ޒެލެންސްކީ ބަހެއް ވިދާޅުވެފައެއް ނުވެއެވެ. މިހާތަނަށް ޒެލެންސްކީ ހަމައެކަނި ވިދާޅުވެފައި ވަނީ ޖަރުމަނުވިލާތުގެ ޗާންސެލަރުގެ މަޤާމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ފީޑްރިޚް މެއާޓްޒްއާއެކު މަޝްވަރާތައް ކުރައްވާފައިވާ ކެމެވެ. ބެލެވޭ ގޮތުގައި ޒެލެންސްކީ އިޝާރާތް ކުރައްވާފައި ވަނީ ޖަރުމަނުވިލާތުގެ ފަރާތުން އަސްކަރީ އަދި މާލީ އެހީތެރިކަން ލިބޭނެ ކަމެވެ. މެއާޓްޒްއާ ގުޅުއްވާ ވާހަކަ ދައްކަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ ޖަރުމަނުވިލާތަކީ ޔޫކްރެއިނަށް ވައިގެ ދިފާޢީ ނިޒާމުތައް ފޯރުކޮށްދޭ މައި ޤައުމުކަމަށާއި ޔޫކްރެއިންގެ މާލީ ހަމަޖެހުން ޔަޤީން ކުރުމުގައި ޖަރުމަނުވިލާތުން މުހިންމު ދައުރެއް ޢަދާ ކުރާ ކަމަށެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ އެމެރިކާއިން ޔޫކްރެއިނަށް ދެމުން ދިޔަ އަސްކަރީ އެހީތެރިކަން މެދުކަނޑައިލުމަކީ ޞުލްޙަ ޤާއިމު ކުރުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ. ނަމަވެސް ޓްރަމްޕް ޢަމަލު ކުރައްވާ ގޮތް ގާތުން ބަލަމުން ދާނެ ކަމަށް ވެސް ރަޝިޔާއިން ވަނީ ބުނެފައެވެ.

އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާއިން ޔޫކްރެއިނަށް ދެމުންދިޔަ އެހީ ކަނޑައިލުމުގެ އަސަރު ފެންނަން ފަށަން އަދި ވަގުތު ނަގާނެއެވެ. މިިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ކުރިމަތިވި ތާއްޓެއްގެ ސަބަބުން އެމެރިކާއިން ޔޫކްރެއިނަށް ދެމުންދިޔަ އެހީ އެތައް މަހަކަށް ހިފެހެއްޓުމުން އެންމެ ފާހަގަ ކޮށްލެވޭ އަސަރަކަށް ފެނުނީ ރަޝިޔާއިން ޔޫކްރެއިނަށް އަމާޒު ކުރަމުންދިޔަ މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމަށް ބޭނުން ކުރާ ވައިގެ ދިފާޢީ ވަޞީލަތްތައް މަދުވުމެވެ. ފަހުން ޔޫކްރެއިނުގެ އިރުމަތީގައި ތިބި ސިފައިން ވަނީ ވަޒަނާއި ހަތިޔާރު ލިބުމުގައި ދަތިތައް ކުރިމަތިވުމުގެ ޝަކުވާ ކޮށްފައެވެ.

“އެމެރިކާގެ ނިންމުމަކީ ބޮޑު ނިންމުމެއް. ނަމަވެސް ހަނގުރާމައިގެ ކުރީކޮޅު އެ ފަދަ ނިންމުމެއް ނިންމި ނަމަ އަސަރު ކުރާނެ ވަރަކަށް މިހާރު އަސަރެއް ނުކުރާނެ. އެއީ ސީދާ އެމެރިކާގެ އެހީތެރިކަމަށް ޔޫކްރެއިނުން މިހާރު ބަރޯސާ މިންވަރު ކުޑަވުމުން,” އަސްކަރީ ތަޖުރިބާކާރެއް ކަމަށްވާ މައިކަލް ކޮފްމަން ވިދާޅުވިއެވެ.

އެމެރިކާއިން ޔޫކްރެއިނަށް ދެމުންދިޔަ އެހީތެރިކަން މެދުކަނޑައިލުމުން ޔޫކްރެއިނަށް އެހީތެރިވުމަށް ވިލާތުގެ ބައިވެރިންނަށް އޮތް ޕްރެޝަރު ވަނީ އިތުރުވެފައެވެ. އެ ގޮތުން ޔޫކްރެއިންގެ އެންމެ މުހިންމު ބައިވެރިން ކަމުގައިވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވެއެވެ. މިދިޔަ ހަފުތާގެ ތެރޭގައި ދެ ޤައުމުގެ އިސް ވެރިން ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސަށް ޒިޔާރަތް ކުރައްވާފައެވެ. ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު ބަހުގެ ޙަމަލާތައް ބަދަލު ކުރެއްވި ފަހުން ދެ ޤައުމުގެ ލީޑަރުން ވެސް ވަނީ ޒެލެންސްކީއަށް ތާއީދު ކުރައްވާ ފާޅުގައި ވާހަކަ ދައްކަވާފައެވެ.

ވިލާތުގެ ޤައުމުތަކުން ދަނީ އެމެރިކާއިން ދެމުންދިޔަ އެހީ ހުއްޓުމަކަށް އައުމުން އެ ކަން ފޫބެއްދުމަށް އެ ޤައުމުތަކުން ޔޫކްރެއިނަށް ޚަރަދު ކުރާ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮންމެވެސް ސިފައެއްގައި އެމެރިކާގެ އެހީތެރިކަން އަދިވެސް ބޭނުންވާ ކަމަށް ވިލާތުގެ ޤައުމުތަކުން އެއްބަސްވެއެވެ.

ފަރަންސޭސިވިލާތުން ވެސް ވަނީ އެމެރިކާގެ ނިންމުން ކުށްވެރި ކޮށްފައެވެ. ފަރަންސޭސިވިލާތުގެ ވަޒީރެއް ކަމަށްވާ ބެންޖަމިން ހައްދާދް ވިދާޅުވީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލުމުން އެ ދަތުރު ކުރެވެނީ ޞުލްޙައާ ދުރަށް ކަމަށާއި, އޭގެ ސަބަބުން ޢުދުވާނީ ޙަމަލާތައް ދެމުންދާ ރަޝިޔާގެ ބާރު ގަދަވެގެންދާނެ ކަމަށެވެ. އިނގިރޭސިވިލާތުން ވެސް ވަނީ ޔޫކްރެއިންގައި ޞުލްޙަ ޤާއިމް ކުރުމަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ.

ޔޫކްރެއިންގެ ރައްޔިތުން ދެކެނީ އެމެރިކާގެ ނިންމުމަކީ އެ ޤައުމުން ޔޫކްރެއިނަށް ޚިޔާނާތްތެރިވުން ކަމުގައެވެ. ޔޫކްރެެއިންގެ ޤާނޫނުހަދާ މަޖިލީހުގެ ޚަރިޖީ ކޮމިޓީގެ އިސްވެރިޔާ އޮލެކްސަންޑަރު މެރެޒްކޯ ވިދާޅުވީ ޓްރަމްޕް ބޭނުންފުޅު ވަނީ ޔޫކްރެއިނުން ހަނގުރާމައިގެ މައިދާން ދޫކޮށްލުމަށް ކަމަށެވެ.

ޓްރަމްޕާއި ޒެލެންސްކީއާ ދެބޭފުޅުން ވައިޓް ހައުސްގައި ދެބަސްވުމުގެ ކުރިން ޔޫކްރެއިނަށް އެމެރިކާއިން ދެމުންދިޔަ އެހީގެ ބަދަލުގައި ޔޫކްރެއިންގެ މުއްސަނދި މައުދަންތައް އެމެެރިކާއާ ޙިއްޞާ ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް އެ ބައްދަލުވުން ނިމިގެން ދިޔައީ އެއްބަސްވުމުގައި ސޮއި ނުކޮށެވެ. ޓްރަމްޕް ވަނީ އެ އެއްބަސްވުމުގައި އަދިވެސް ސޮއި ކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. ޔޫކްރެއިންގެ ބޮޑުވަޒީރު ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފައެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ އެއްބަސްވުމުގައި ސޮއި ކުރުމަށް ޒެލެންސްކީއަށް ގޮވާލައްވައިފައެވެ. ހަނގުރާމަ ހުއްޓާލުމަށް ފަހު ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން އަލުން ޔޫކްރެއިނަށް އަރައިނުގަންނާނެކަމުގެ ޔަޤީންކަން ބޭނުންވާ ނަމަ އެ ކަން ޔަޤީން ކުރެވޭނެ އެންމެ ފުރިހަމަ ގޮތަކީ އެމެރިކާގެ އިޤްތިޞާދަށް ރަނގަޅު ގޮތެއް ޔޫކްރެއިންގެ ކުރިމަގުގައި އޮތުން ކަމަށް އޭނަ ވަނީ ވިދާޅުވެފައެވެ.