ޚަބަރު

ވެޓެރަންސް ލީގުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންފި


  • މި މުބާރާތުގެ 4 މެޗެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

ކުރީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ އެފް.އޭ.އެމް ވެޓެރަންސް ލީގުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ މިއަދުގެ މެޗުގައި ވާދަކުރީ މުއިވެޔޮ އެފްސީއާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. މުއިވެޔޮ އެފްސީ ޓީމުގެ ކެޕްޓަން ބޭންޑް އަޅުއްވައިގެން މިއަދު ކުޅުއްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މި މުބާރާތުގެ 4 މެޗެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ސްޓެލްކޯ، އީގަލްސް، އަދި ޕޮލީސް ކުލަބާ ދެކޮޅަށް މުއިވެޔޮ އެފްސީގެ ޓީމުން ކުޅެން ތާވަލުކޮށްފައިވާ މެޗުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހޯމަ ދުވަހު ހަވީރު ފެށި، މި މުބާރާތުގެ ކުޅުން މި ފަހަރުގެ ކުރިއަށްދަނީ މާފަންނު ޓާފް ދަނޑުގައެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާގޮތަށް ރޭވިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.