ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާއިން ކުޅޭ މެޗުތަކަށް އެކުލަވާލި ސްކޮޑުގައި ޓޮޓްނަމް ހޮޓްސްޕާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ހިމަނައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ވޯލްޑް ކަޕްގެ ކޮލިފައިންގައި މިމަހު އުރުގުއޭ އާއި ބްރެޒިލްއާ ދެކޮޅަށް ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑުގައި ރޮމޭރޯ ހިމަނާފައިވާއިރު، މިދިޔަ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ޗެލްސީ އާއި ދެކޮޅަށް ޓޮޓްނަމް ކުޅުނު މެޗުގައި އޭނާއަށް ލިބުނު އަނިޔާއަށްފަހު އޭނާ އަދި ވާދަވެރި މެޗެއް ކުޅެފައެއް ނުވެއެވެ. ނަމަވެސް ކްލަބުގެ ފަރިތަކުރުންތަކުގައި އޭނާ ވަނީ ބައިވެރިވާން ފަށާފަ އެވެ.
ބައިނަލްއަގްވާމީ މެޗު ތަކަށް ޕްރިމިއާ ލީގުގެ މެޗުތައް މެދު ކަނޑާލުމުގެ ކުރިން ޓޮޓްނަމް ހޮޓްސްޕަރ ހަތަރު މެޗު ކުޅޭނެ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ދެ މެޗުގެ އިތުރުން ޔޫރޮޕާ ލީގުގެ ދެ މެޗު ހިމެނެއެވެ.
ވޯލްޑް ކަޕްގެ ކޮލިފައިންގެ ދެކުނު އެމެރިކާގެ އެއްވަނައިގައި މިވަގުތު އޮތް އާޖެންޓީނާއަށް ވަނީ 5 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ކޮލިފައިންގައި އެ ޓީމުން ކުޅުނު 12 މެޗުގެ ތެރެއިން 8 މެޗުން ވަނީ މޮޅުވެފަ އެވެ.
މާޗު މަހުގެ 21 ވަނަ ދުވަހު އުރުގުއޭ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުމަށްފަހު މާޗް 26 ވަނަ ދުވަހު އަމިއްލަ ގައުމުގައި އެ ޓީމުން ނިކުންނާނީ ބްރެޒިލް އާއި ދެކޮޅަށެވެ.
ލިއޮނެލް ސްކެލޯނީގެ ޓީމުން ރޮމޭރޯ އަށް ފުރުސަތު ދީފައިވާއިރު އޭނާ ވަނީ ދާދި ފަހުން ރިވަ ޕްލޭޓް އިން ޕްރިމިއާ ލީގުގެ މެންޗެސްޓަރ ސިޓީ އާއި އަލަށް ގުޅުނު 19 އަހަރުގެ ޒުވާން މިޑްފީލްޑަރ ކްލައުޑިއޯ އެޗެވެރީއަށް ވެސް އަލަށް ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ.
އާޖެންޓީނާއަށް ވޯލްޑް ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކީޕަރު އެމީ މާޓިނޭޒް އާއި އެލެކްސިސް މެކަލިސްޓަރގެ އިތުރުން އެންޒޯ ފެނާންޑޭޒް ވެސް ވަނީ ސްކޮޑުގައި ހިމަނާފަ އެވެ.