ބާސެލޯނާއަށް ކުޅެމުން އަންނަ ޕޮލަންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ، އޭނާގެ އުމުރާ އަޅާބަލާއިރު މި ސީޒަނުގައި މާމޮޅު ކަމަށް ގިނަ ބަޔަކު ދެކެން ފަށައިފިއެވެ.
މިވަގުތު ސްޕެނިޝް ލީގުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިއަކީ އޭނާ އެވެ. ރަންބޫޓަށް ވާދަކުރާ ލިސްޓުގެ ކުރީގައި ވެސް ވަނީ އޭނާ އެވެ.
މި ހަފުތާގައި ރެއާލް ސޮސިއެޑާޑް އަތުން 4-0 އިން މޮޅުވި މެޗުގައި އޭނާ ޖެހި ގޯލަކީ މި ސީޒަނުގައި ލީގުގައި ޖެހި 21 ވަނަ ގޯލެވެ. މުޅި ސީޒަނުގައި ޖެހި 34 ވަނަ ގޯލެވެ. މީގެ ތެރެއިން ގިނަ ބަޔަކު ފާހަގަ ކުރަނީ 34 ގޯލުގެ އަދަދެވެ.
ލެވަންޑޯސްކީގެ މިހާރުގެ އުމުރަކީ 36 އެވެ. މި އަދަދަކީ މީގެ ތިން ސީޒަނުގެ ކުރިން ބާސެލޯނާއާ ގުޅުނު ފޯވަޑްގެ އެންމެ ހާއްސަ އަދަދު ވެސްމެ އެވެ. އޭނާގެ ފުރަތަމަ ސީޒަނުގައި ޖަހާފައިވަނީ 33 ލަނޑެވެ. މިދިޔަ ސީޒަނުގައި ޖަހާފައިވަނީ 26 ގޯލެވެ. މި ސީޒަނުގައި މިދިޔަ ދެ ސީޒަނުގައި ޖެހި ގޯލަށްވުރެ ގިނަ ގޯލު ޖެހުމުން އޭނާގެ ކުޅުމާއި ފިޓްނަސް އަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ކޯޗު ހަންސީ ފްލިކް ވެސް ވަނީ ބުނެފަ އެވެ.
ބާސެލޯނާއިން މިހާރު ވިސްނަމުންދަނީ އޭނާ ރަނގަޅު ފޯމެއްގައި ސީޒަން ނިންމާލައިފިނަމަ އަންނަ ސީޒަނުގައި އެއްބަސްވުން އައުކުރާ ގޮތަށެވެ. އަދި އިތުރު ސެންޓަ ފޯވާޑަކު ހޯދުން މަޑުކޮށްލުމަށެވެ.