އާރްޓީއެލް ނިޒާމުގެ ތެރެއިން، ހިލޭ ދަތުރުކުރެވޭނެ ގޮތް މަގު ފަހިކޮށްދޭ ކާޑެއް ތަޢާރަފްކޮށްފައިވާކަމަށް ބުނެ އޮޅުވާލުމަށް ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ދަނީ އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީން ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ސްކޭމެއް ހިންގަމުންދާކަން އެކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއީ އެމްޓީސީސީ އާއި ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫންކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.
އެމްޓީސީސީން ވިދާޅުވީ އެކުންފުނީގެ ފަރާތުން ފަރާތުން އައު ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތަޢާރަފުކުރާނަމަ، އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ ރަސްމީ މީސް މީޑިއާ އެކައުންޓުތަކުގައި އެކަމުގެ މަޢުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އެހެންކަމުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ މިފަދަ ލިންކުތަކަށް ސަމާލުވުމަށް ވަނީ އެކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ އެއްވެސް ފަރާތަކާއި ފައިސާގެ މުޢަމަލާތް ނުކުރުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.
އެމްޓީސީސީގެ ބަޔާނުގައި ރައްޔިތުން އެކުންފުންޏަށް ކުރާ އިތުބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ނުޙައްޤުން ފައިސާ ހޯދުމަށް ކުރާ ނާތަހުޒީބު ޢަމަލުތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.