ސިޔާސީ

ފެބުރުއަރީ މަހު 884 މައްސަލަ، ގިނައީ ޓްރެފިކް އެކްސިޑެންޓުތަކާއި ވައްކަމުގެ މައްސަލަތައް


  • ޓްރެފިކް އެކްސިޑެންޓްތަކުގެ 294 މައްސަލައެއް ވަނީ ހުށަހަޅާފައިވޭ

  • ވައްކަމުގެ 196 މައްސަލަ ހުށަހަޅާފައިވޭ

މި ނިމުނު ފެބުރުއަރީ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި ނިމުނު ފެބުރުއަރީ މަހު ފުލުހުންނަށް ޖުމްލަ 884 މައްސަލަ ހުށަހަޅާފައިވެއެވެ. މި އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ފެބުރުއަރީ މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ވަނީ މަދުވެފައެވެ. މި އަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ޖުމްލަ 980 މައްސަލަ ހުށަހަޅާފައިވެއެވެ.

ފެބުރުއަރީ މަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލައެވެ. މިގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 294 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ފެބުރުއަރީ މަހު 2 ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 196 މައްސަލަ ހުށަހަޅާފައިވެއެވެ.

ވައްކަމުގެ މައްސަލަތަކަށްފަހު ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 119 މައްސަލަ ހުށަހަޅާފައިވެއެވެ.

ފެބުރުއަރީ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:

• ޓްރެފިކް އެކްސިޑެންޓްތަކުގެ 294 މައްސަލަ
• ވައްކަމުގެ 196 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލަ
• އެއްޗެހި ގެއްލިގެން 87 މައްސަލަ
• މާރާމަރީގެ 44 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލަ
• ޚިޔާނަތުގެ 46 މައްސަލަ
• ފޭރުމުގެ 16 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 12 މައްސަލަ
• ގެވެށި އަނިޔާގެ 15 މައްސަލަ
• ފޯޖް ކުރުމުގެ 7 މައްސަލަ

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށްށާއި، މަގުމަތީގެ ގަވައިދު ތަކައް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރު ކޮށް އިލްތިމާސް ކުރަމުންނެވެ.

މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.